Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ސިފައިންގެއިން ކަނޑާލި ޝަނީޒަށް 189،000 ރުފިޔާ އާއި އެކު ވަޒީފާ ދޭން ހުކުމް ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަބަލުން މެޑަމް ލައިލާ އަލީގެ ބޮޑީ ގާޑު، ލާންސް ކޯޕްރަލް އަހުމަދު ޝާނީޒްއަށް ވަޒީފާ އާއި ބަދަލު ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝާނީޒް ވަޒީފާއިން ކަނޑާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭނާ ކަނޑާލާފައިވަނީ ސިފައިންގެ އަހްލާގާއި ސުލޫކާއި ހިލާފުވީ ކަމަށް ބުނެއެވެ.

މި މައްސަލައިގެ މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާ ކުރިން އަދާކުރި ވަޒީފާ ދިނުމަށާއި ވަޒީފާއިން ވަކިކުރުމުން ބަދަލެއްގެ ގޮތުގައި އެއްލައްކަ އަށްޑިހަ ނުވަހާސް ރުފިޔާ ދިނުމަށެވެ.

ޝާނީޒް ގެ އިތުރުން މެޑަމް ލައިލާގެ ބޮޑީގާޑުކަން ކުރިން އަދާކުރި ސ. ފޭދޫ އާސްތާނާ އަހުމަދު ފައްތާހުވެސް ވަނީ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.