Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

މެސީ އާއި ސުއަރޭޒަށް އެސްޕަންޔޯލް މެޗުގައި ކުޅެވޭނެ، ޑެމްބެލޭ އަދިވެސް އަނިޔާގައި

ސްޕެނިޝް ލީގުގައި އަންނަ ހޮނިހިރު ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ބާސެލޯނާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ފެނުމުގެ ފުރުޞަތު ބޮޑުކަމަށް އެ ކްލަބުން ބުނެފިއެވެ.

ބާސެލޯނާގެ ފޯވާޑްލައިންގައި ހިމެނޭ މި ދެ ކުޅުންތެރިންނަށް ކުޅެވުނު ނަމަވެސް އެ ޓީމުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން އަދި ދުވަސްކޮޅެއްވާނެކަމަށްވެއެވެ.

މިދިޔަ އަންގާރަ ދުވަހު މޮރޮކޯއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް ބާސެލޯނާއިން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ.

ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް މި މަހުގެ 17 ވަނަ ދުވަހު ބާސެލޯނާ ކުޅުނު މެޗުގައި ސުއަރޭޒްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އުރުގުއޭ ކުޅުނު މެޗުތަކުގައި ބައިވެރިވެފައެއްނުވެއެވެ. ނަމަވެސް، ވޭތުވެދިޔަ ދެ ދުވަހު ބޭއްވުނު ފަރިތަކުރުންތަކުގައި އޭނާ އެކަނި ބައިވެރިވިއިރު މިއަދުގެ ފަރިތަކުރުންތަކުގައި ވަކި ހިސާބަކުން ވަނީ ބައިވެރިވެފައެވެ.

ބާސެލޯނާގެ މެޑިކަލް ޓީމުން ގަބޫލުކުރާގޮތުގައި ލީގުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކޭމްޕް ނޯގައި ކުޅުމަށް ހަމަޖެހިފައިވާ ޑާބީގައި މެސީ އާއި ސުއަރޭޒަށް ކުޅެވުނު ނަމަވެސް ޑެމްބެލޭ އަދި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާތީވެ އެ މެޗުގައި އޭނާ ފެނުމުގެ ފުރުޞަތެއްނެތެވެ. އެގޮތުން، ލީގުގައި އެ ޓީމަށް ދެން އޮތް ދެ މެޗުކަމަށްވާ ވިޔަރެއާލް އާއި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެއެވެ. މީގެއިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ޑެމްބެލޭ އަށް ކުޅެވޭނެ ކަމަށް ކުރީން ހީކުރެވުނު ނަމަވެސް އެ ކްލަބުގެ މެޑިކަލް ޓީމުން މިހާރު މަސައްކަތްކުރަމުންދަނީ އޭގެ ހަފްތާއެއް ފަހުން ކޭމްޕް ނޯ ގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗަށް އޭނާ ފިޓްކުރުމަށެވެ.

ޑެމްބެލޭ އަށް އަނިޔާވީ، ލީގުގައި ރަޔޯ ވަޔެކާނޯ އަތުން 3-1 އިން ބާސެލޯނާ މޮޅުވި މެޗުގައެވެ. ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން އެ ޓީމު ޗެމްޕިއަންސް ލީގުގައި އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 30 މިނެޓަށް ކުޅެން ނިކުމެ އުޅެނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން އިތުރު އެއް މަސްދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހުނީއެވެ.