Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެމްއައިބީގެ އާ ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި

އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީސް - ފޮޓޯ: ސީއެންއެމް

ދަރުމަވަންތަ ސްކޫލް ކުރިމަތިން، މެދުޒިޔާރަތް މަގުގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.

އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އާ ހެޑް އޮފީސް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް އާއި އެމްއައިބީގެ މައި ހިއްސާދާރު ކަމަށްވާ އައިސީޑީގެ ސީއޯއޯ އައިމަން އަމިންް ސަޖެނީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރް ވިދާޅުވީ 2011 ވަނަ އަހަރު އެމްއައިބީ ހުޅުވިގެން ދިއުމާ އެކު ރާއްޖޭގެ އިސްލާމިކް ބޭންކިން ސެކްޓަރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި، އެ ބޭންކަކީ ރާއްޖޭގެ ރީޓެއިލް ބޭންކިންގ ސެކްޓަރަށް ގިނަ އުފެއްދުންތަކެއް ނެރެ، އެ ދާއިރާ ކުރިއަރުވަން މުހިންމު މަސައްކަތްތައް ކުރާ ބޭންކެއް ކަމަށެވެ.

އަދި އައިސީޑީގެ ސީއޯއޯ އައިމަން ވިދާޅުވީ އާ ހެޑް އޮފީހާ އެކު އެމްއައިބީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށާއި، ރާއްޖެ އަށް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް، އިސްލާމިކް ފައިނޭންސިންގ ސެކްޓަރު ވަރުގަދަ ކުރުމަށް އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އަށް އަތޮޅެއްގައި، 80،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އިސްލާމިކް ބޭންކްގެ އާ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.