Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބޮއިން 737 މެކްސް 8ގެ ފްލައިޓެއް އިމާޖެންސީގައި ފްލޮރިޑާގައި ޖައްސައިފި

ސައުތުވެސްޓް އެއާލައިންސްގެ ބޮއިން 737 މެކްސް 8ގެ ފްލައިޓެއް - ފޮޓޯ: އެސްއެފް ގޭޓް

ނުރައްކާތެރި ދެ ހާދިސާއަކަށްފަހު ބޭނުންކުރުން ހުއްޓާލާފައިވާ ބޮއިން 737 މެކްސް 8ގެ އެއާކްރާފްޓެއް އިމާޖެންސީގައި ފްލޮރިޑާގައި ޖައްސައިފި އެވެ.

ސައުތުވެސްޓް އެއާލައިންސްގް ފްލައިޓް 8701 ދަތުރުކުރަމުންދިޔައީ އޯލޭންޑޯ އިންޓަނޭޝަނަލް އެއާޕޯޓް އިން ކެލިފޯނިއާގެ ވިކްޓަރވިލް އަށް ކަމަށާއި، އެ ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށް އެއާލައިނުން ބުނެއެވެ. އަދި އެ ފްލައިޓް ދަތުރުކުރަމުންދިޔައީ 737 މެކްސްގެ ފްލައިޓްތައް ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ކުޑަ ދުވަސްކޮޅަކަށް ވިކްޓަރވިލްގައި ސްޓޯކުރުމަށް ކަމަށްވެސް އެއާލައިނުން ބުނެއެވެ.

ފްލައިޓް ނައްޓާލިތާ މާގިނައިރެއް ނުވަނީސް، އިންޖީނެއްގެ މައްސަލަ ޖެހިގެން އުޅޭކަމަށް ފްލައިޓްގެ ފެ ޕައިލަޓުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ޕްރޮޓޮކޯލް އާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އެ ފްލައިޓް ވަނީ އަނބުރާ އެއާޕޯޓްގައި ޖައްސައިފަ އެވެ.

737 މެކްސްގެ ޖެޓްތައް ވަކި މުއްދަތެއް ނެތް ގޮތަށް ބޭނުންކުރުން މަނާކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެއީ މިދިޔަ އޮކްޓޯބަރ މަހު އާއި މިމަހުގެ ތެރޭގައި އެ މޮޑެލްގެ ދެ އެއާކްރާފްޓް ވެއްޓި ހިނގި ހާދިސާތަކާއި ގުޅިގެންނެވެ.

މިއަދު އިމާޖެންސީގައި ފްލައިޓް ޖައްސާފައި ވަނީ އެވައްތަރުގެ ފްލައިޓްގައި ހުރިކަމަށް ޝައްކުކުރެވޭ މައްސަލަތަކުގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެއެވެ.

އެއާޕޯޓްގެ ތަރުޖަމާނަކާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި އިމާޖެންސީގައި ފްލައިޓް ޖެއްސުމާއި ގުޅިގެން ރަންވޭ ބަންދުކރުުމުގެ ސަބަބުން އެހެން ފްލައިޓްތަކަށް އަސަރުކޮށްފައި ނުވާ ކަމަށެވެ.

ސައުތުވެސްޓް އެއާލައިން އިން ބުނީ އެއާކްރާފްޓް ރިވިއުކުރުމަށް އޯލޭންޑޯގައި ހުންނަ މެއިންޓެނެންސް ފެސިލިޓީ އަށް އެއާކްރާފްޓް ބަދަލުކުރާނެ ކަމަށެވެ.

ސައުތުވެސްޓްގެ ފްލީޓްގައި ބޮއިން 737 މެކްސްގެ ޖުމްލަ 34 އެއާކްރާފްޓް ހިމެނެއެވެ.