Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

މުޣްނީއަށް ތާއީދުކުރަން އެމްޑީޕީ އިން ނިންމައިފި

މިރޭ ގދ. ތިނަދޫގައި ކުރިއަށްގެންދާ ޖަލްސާގައި މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ ކޮނޑުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސޭޝް އަޅުއްވައިދެއްވުމަށްފަހު އޭނާ އާއި ސަލާމް ކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުލް މުޣުނީ އަށް އަލުން ތާއީދުކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުން މުޣުނީ އަށް ތާއީދު އަނބުރާ ދެއްވަން ނިންމަވާފައި ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ގއ. އާއި ގދ.ގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާ ފަރާތްތަކާއެކު މިރޭ ތިނަދޫގައި ބާއްވާ ޖަލްސާގައި، ރައީސް ނަޝީދު ވަނީ އެ ދާއިރާތަކުގެ ހުރިހާ ކެންޑިޑޭޓުންނަށް "އެޖެންޑާ 19"ގެ ސޭޝް ހަވާލުކުރައްވައިފަ އެވެ. އެގޮތުން ސޭޝް ހަވާލުކުރެއްވި ބޭފުޅުންގެ ތެރޭގައި މުޣުނީވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަދި މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ރައީސް ނަޝީދު މިއަދު ތިނަދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ވެސް މުޣުނީ އެވެ.

މުޣުނީ އަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންދަން ނިންމާފައިވަނީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ. މުޣުނީ އަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންދިޔައިރު، ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މުޣުނީގެ މައްޗަށް ތުހުމަތުކޮށް ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވޭތޯ އަދި އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފު ކުރަން މުޣުނީގެ ފަރާތުން ދާދިފަހުން ހުށަހެޅުމުން ފުލުހުން ވަނީ އެއްވެސް އިރެއްގައި އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެފައެވެ.

މުޣުނީ އަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންގޮސްފައިވާއިރު ތިނަދޫ އުތުރު ދާއިރާއަށް ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސައުދުﷲ ހިލްމީ ވާދަކުރައްވައެވެ. އެމްޑީޕީގެ މި ނިންމުމަށް މައުމޫންވެސް ވަނީ މަރުހަބާ ކިޔާފައެވެ.