ގަމުގެ ވައިގެ ބަނދަރު ރަންވޭ ދިގުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ރައީސް ވަޙީދު އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާތީ ބިން ހިއްކުމަށް ގެނެސްފައިވާ ޑްރެޖަރު ފޭދޫ ބަނަދަރުން ނެރެގެން ގަމަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.
ގަލްފް ކޮބްލާއިން އައްޑޫއަށް ގެނެސްފައިވާ ޑްރެޖަރު ގަމާއި ފޭދޫ އާއި ދެމެދަށް ވެއްދުމަށް ހަމަޖެހިފައިވަނީ ގަމާއި ވިލިނގިލި އާއި ދޭތެރެއިން ބޯޓަށް ވަދެވޭ ވަރުގެ ޗެނަލްއެއް ކޮނެގެންނެވެ.
އަދި އެދޭތެރެއިން ކޮންނަން ޖެހޭ ސަރަހައްދު ކޮނުމުގެ ހުއްދަ މިއަދު އެންވަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ދޭނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ.
އެއާޕޯޓް މަޝްރޫއު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި ގަމުގެ އެއާޕޯޓް ސަރަހައްދުގަ އެވެ.