Last Updated: June 18, 18:11
Wednesday, June 18, 2025
ޚަބަރު

އަލީ ވަހީދަށް މައާފު ކޮށްފިން: މައުމޫން

މައުމޫން އާއި އަލީ ވަހީދު މިއަދު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މައުމޫން)

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެކުރިން އެމަނިކުފާނަށް އަމާޒުކޮށް ދައްކާފައިވާ ވާހަކަތަކަށް މައާފުކޮށްފައިވާ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަން އިން ގެނެސްދޭ 50 މިނެޓް ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ހިތާމަކުރައްވާ ކަމަށާއި ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މައުމޫންއާ ބައްދަލުކޮށް އެމަނިކުފާނުގެ އަރިހުން މައާފަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދަށް މައާފު ކުރެއްވިކަން މައުމޫން ހާމަކުރެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު އަލީ ވަހީދު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ މައުމޫން އޭރު ލީޑަރުކަން ކުރައްވަމުން ގެންދެވި ޑީއާޕްރީންނެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަލީ ވަހީދު ވަނީ މައުމޫން ދިފާއުކުރައްވާ އޭރުގެ އިދިކޮޅު ފަރާތްތަކަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

2009 ގައި ޑީއާރުޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވި ނަމަވެސް ޑީއާރްޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އަލީ ވަހީދު ވަނީ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި ފަހުން އަލީ ވަހީދު މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އަކީ މިހާރު ޖުމްހޫރީ ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ފަރާތްވެސް މެއެވެ.