Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓަކަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު ހޮވިއްޖެ

ޓާމިނަލް 3، ޗަންގީ އެއާޕޯޓް، ސިންގަޕޫރު - ފޮޓޯ: ގޫގުލް

އަންނަ އޭޕްރީލް މަހު ޖުވެލް ޗަންގީ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ސްކައިޓްރެކްސް ވާރލްޑް އެއާޕޯޓް އެވޯޑްސްގައި ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓަކަށް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް ހޮވިއްޖެ އެވެ.

ސްކައިޓްރެކްސްގެ ސީއީއޯ އެޑްވާޑް ޕްލެއިސްޓެޑް ވިދާޅުވީ ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓަކަށް ޗަންގީ އެއާޕޯޓް ހޮވިގެން ދިއުމަކީ ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށާއި، އެ އެވޯޑުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ވައިގެ ފަސިންޖަރުންގެ މެދުގައި އެއާޕޯޓްގެ މަޤްބޫލްކަން އޮންނަ މިންވަރު ކަމަށެވެ.

މި ޝަރަފްވެރި އެވޯޑް ހަވާލުކޮށްފައި ވަނީ ބުދަ ދުވަހު ލަންޑަންގައި ބޭއްވި ޕެސެންޖަރ ޓާމިނަލް އެކްސްޕޯ 2019 ގައެވެ.

ސްކައިޓްރެކްސް ވާރލްޑް އެއާޕޯޓް އެވޯޑްސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ސާވޭއެއްގައި ކަސްޓަމަރުން ދޭ ވޯޓުތަކަށް ބަލައިގެން ދެވޭ އެވޯޑްތަކެކެވެ.

ދުނިޔޭގެ އެންމެ ރަނގަޅު 10 އެއާޕޯޓް ގުނުމުގެ އިތުރުން، ސްކައިޓްރެކްސްގެ އެވޯޑްތަކުގެ ކެޓެގަރީތަކުގެ ތެރޭގައި ސަރަޙައްދީ އެއާޕޯޓްތަކާއި، އެންމެ ރަނގަޅު އެއާޕޯޓް ސްޓާފް އާއި އެއާޕޯޓްގައި ކެއިންބުއިމާއި އެންމެ ސާފުތާހިރު އެއާޕޯޓް ވެސް ހިމެނެއެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަކީ ރޫފްޓޮޕް ސްވިމިންގ ޕޫލް އަކާއި، 24 ގަޑިއިރު ހުޅުވާފައި ހުންނަ ދެ ފިލްމް ސިނެމާ އާއި ވިޔަފާރިކުރުމަށް ވަރަށް މަޝްހޫރު ތަނެކެވެ.

އަދި ޖުވެލް ޗަންގީ އެއާޕޯޓް ހުޅުވުމާއެކު، ޗަންގީ އެއާޕޯޓް ވެގެންދާނީ ދުނިޔޭގެ އެންމެ އުސް އިންޑޯ ވޯޓާފޯލްވެސް ހުންނަ މަންޒިލަށެވެ.

މި އަހަރުގެ ލިސްޓްގެ ދެވަނައިގައި އޮތީ ޓޯކްޔޯ އިންޓަނޭޝަނަލް އެއާޕޯޓް އެވެ. 2018 ވަނަ އަހަރާއި އަޅާބަލާއިރު އެއް ދަރަޖަައިގެ ކުރިއެރުމެއް ހޯދާފައިވާ މި އެއާޕޯޓަށް ވަނީ ދުނިޔޭގެ އެންމެ ރަނގަޅު ޑޮމެސްޓިކް އެއާޕޯޓް އަދި ދުނިޔޭގެ އެންމެ ސާފުތާހިރު އެއާޕޯޓްގެ އެވޯޑްވެސް ލިބިފައެވެ.

އެއް ދަރަޖަ ފަހަތަށް ޖެހިލުމަށްފަހު މި އަހަރުގެ ލިސްޓްގެ ތިންވަނައިގައި އޮތް އިންޗަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ދުނިޔޭގެ އެންމެ ރަނގަޅު ޓްރާންސިޓް އެއާޕޯޓްގެ އެވޯޑްވެސް ލިބިފައެވެ.

މި އަހަރުގެ ލިސްޓަށް އަލަށް އިތުރުވި ނަރީޓާ އިންޓަނޭޝަނަލް އެއާޕޯޓަކީ ލިސްޓްގައި ހިމެނުނު ޖަޕާންގެ ތިން އެއާޕޯޓްގެ ތެރެއިން އެއް އެއާޕޯޓެވެ.

ޗަންގީ އެއާޕޯޓަށް ވަނީ އެ އެއާޕޯޓްގައި ހުންނަ ކްރައުން ޕްލާޒާ ޗަންގީ އެއާޕޯޓް އަށް ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓް ހޮޓެލްގެ އެވޯޑްވެސް ލިބިފައެވެ.

ސްކައިޓްރެކްސް ވާރލްޑް އެއާޕޯޓް އެވޯޑްސް 2019ގެ ގަދަ 10:

1. ސިންގަޕޫރު ޗަންގީ އެއާޕޯޓް – ސިންގަޕޫރު
2. ޓޯކްޔޯ އިންޓަނޭޝަނަލް އެއާޕޯޓް – ޓޯކްޔޯ، ޖަޕާން
3. އިންކަން އިންޓަނޭޝަނަލް އެއާޕޯޓް – ސޯލް، ދެކުނު ކޮރެއާ
4. ހަމަދް އިންޓަނޭޝަނަލް އެއާޕޯޓް – ދޯހާ، ޤަތަރް
5. ހޮންގ ކޮންގ އިންޓަނޭޝަނަލް އެއާޕޯޓް – ހޮންގ ކޮންގ
6. ސެންޓްރަލް ޖަޕާން އިންޓަނޭޝަނަލް އެއާޕޯޓް – ބޭ އޮފް އިސޭ، ޖަޕާން
7. މިއުނިކް އެއާޕޯޓް – މިއުނިކް، ޖަރުމަންވިލާތް
8. ލަންޑަން ހީތުރޯ އެއާޕޯޓް – ލަންޑަން، ޔޫކޭ
9. ނަރީޓާ އިންޓަނޭޝަނަލް އެއާޕޯޓް – ޓޯކްޔޯ، ޖަޕާން
10. ޒޫރިކް އެއާޕޯޓް – ޒޫރިކް، ސްވިޓްޒަލޭންޑް