Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ބަންގްލަދޭޝްގެ އިމާރާތެއްގައި އަލިފާން ރޯވެ، 19 މީހުން މަރުވެއްޖެ

ރޯވި އަލިފާންގަނޑު ނިއްވުމުގައި ނޭވީ އާއި އެއާފޯސްގެ އިތުރުން ފަޔާފައިޓަރުން ވަނީ ޙަރަކާތްތެރިވެފައި - ފޮޓޯ: އީޕީއޭ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 19 މީހުން މަރުވެއްޖެ އެވެ.

ފަޔަރ ބްރިގޭޑްގެ ތަރުޖަމާނަކާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި އެ ހާދިސަގައި 70 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު ފަޔާފައިޓަރުން ވަނީ މިހާރު އިމާރާތުގެ ތެރެއަށް ވަދެފައެވެ.

ބަނަނީގައި ހުންނަ 19 ބުރީގެ އެ އިމާރާތުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ތިބިކަމުގެ ބިރު ހީވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި ހެލިކޮޕްޓަރުތަކުން ވަނީ އެ އިމާރާތުގެ މައްޗަށް ފެން ޖަހާފައެވެ.

އެޤައުމުގެ މީޑިއާއިން ބުނާ ގޮތުގައި އިމާރާތުގެ ކުޑަދޮރުތަކުން މީހުން ހަޅޭއްލަވާ މަންޒަރު ފެންނަ ކަމަށާއި، އަނދައަނދައި ހުރި އެ އިމާރާތުން މަދުވެގެން ހަ މީހަކު ފުންމާލާފައިވާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި ނޭވީ އާއި އެއާފޯސްގެ އިތުރުން ފަޔާފައިޓަރުން ކުރި މަސައްކަތުން މިހާތަނަށް ގިނަ ބަޔަކު ވަނީ ސަލާމަތްކުރެވިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ސަރަޙައްދުގައި 19 ފަޔާފައިޓިންގ ޔުނިޓުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

ބޮޑު އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ބޮޑެތި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ ސަލާމަތީ މިންގަނޑުތަކާއި އެއްގޮތަށް އިމާރާތްތައް ހަދާފައި ނުހުންނާތީ އާއި އެތަންތަނުގެ ޙާލަތު ދެރަވުމެވެ. އެފަދަ އަލިފާނުގެ ހާދިސާތަކުގައި ފާއިތުވި އަހަރުތަކުގައި އެތައް ސަތޭކަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެގޮތުން މިދިޔަ މަހުވެސް ޑާކާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 78 މީހުން ވަނީ މަރުވެފައެވެ. އަދި ހަމަ އެ މަހު ޗިޓަގޮންގގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހުން ވަނީ މަރުވެފައެވެ.

18 މިލިއަނަށްވުރެ ބޮޑު އާބާދީއަކާއެކު ޑާކާ އަކީ ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ސިޓީއެވެ.