Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ އަށް ދެ ޖެނެރޭޓަރު ގެނެސްފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.2 މެގަވޯޓު އަދި 800 ކިލޯވޯޓުގެ ދެ ޖެނެރޭޓަރު މިއަދު ފެނަކައިގެ ފަރާތުންް އެ ސިޓީ އަށް ގެންގޮސްފިއެވެ.

މި ދެ ޖެނެރޭޓަރުގެ އިތުރުން ފެނަކައިގެ ފަރާތުން މިއަދު ވަނީ އައްޑޫ އަށް 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ވެސް ގެނެސްފައެވެ.

ފެނަކައިގެ ފަރާތުން އައްޑޫ ސިޓީގައި ކަރަންޓު ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 19:45 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ، ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ހިދުމަތް އަންނަނީ މެދުކެނޑެމުންނެވެ.

ފެނަކައިން ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އައްޑޫގައި ކަރަންޓު ހިދުމަތް ލިބިގަންނަ މިންވަރު އިތުރުވަމުންދާ ހަލުވިމިނާއި އެކު، އެ ހިދުމަތް ދެވޭނެ ގާބިލުކަން އިތުރުކުރުން ކަމަށްވާތީ، ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީ އަށް 4 މެގަވޯޓާއި ދެ މެގަވޯޓްގެ ދެ ޖެންސެޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރައްޔިތުންނަށް ލިބެމުންދާ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެއެވެ.