Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

މަދުވެގެން 59 ގޮނޑި ހޯދާނަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަދުވެގެން 59 ގޮނޑި ނަންގަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ.ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ސަރުކާރުގެ ކެންޑިޑޭޓުންނެއް ނުތިބޭނެ ކަމަށާއި ތިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ 86 ކެންޑިޑޭޓުން ނެރިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭގެ ތެރެއިން މަދުވެގެން، ދަންނަވަންތޯ މަދުވެގެން 58 މީހުން 59 މީހުން ނަގާނަން. މަދުވެގެން ނަގާނަން" ނަޝީދު ވިދާޅުވިއެވެ.

މިހާރު އުފެދިފައި އޮތް ސަރުކާރު އިންތިހާބު ކުރުމަށް ބައެއް އެހެން ޕާޓީތަކުން ވެސް ތާއީދުކުރި ކަމަށާއި ނަމަވެސް މި ސަރުކާރަކީ އެމްޑީޕީގެ ފިކުރާއި، އެމްޑީޕީގެ ފަލްސަފާ އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ނިކުންނަވާ، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެކުލަވާލާފައިވާ ސަރުކާރެއް ކަމަށެވެ.

"މި ސަރުކާރަކީ، މީގެ މައި ޕާޓީ އަކީ އެމްޑީޕީ. އެ ޕާޓީގެ ރައީސަކީ އަޅުގަނޑު. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު. މި ޕާޓީ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓަކީ މުހައްމަދު މުސްތަފާ. ދެން އެ ބަޔަކަށް އޮޅިއްޖެއްޔާ އަޅުގަނޑު އަނެއްކާ ތި ބޭފުޅުންނަށް ކިޔައިދޭން މިޖެހެނީ އަލިފަކު ނުކުތާއެއް ނެތޭ، ބާތިބީ އެއް ނުކުތާއޭ. ތިމަރަފުށީ ދާއިރާ ރައްޔިތުންނަށް އަނެއްކާ ކިޔައިދޭން މި ޖެހެނީ އަލިފު ބާ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މެޖޯރިޓީ ހޯދާނެ ކަމަށް ނަޝީދު މިއަދު ވެސް ވިދާޅުވިއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުން އަންނަނީ އެއް ޕާޓީއަކަށް މެޖޯރިޓީ ލިބެން ނުޖެހޭ ކަމަށް ބުނަމުންނެވެ.