ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި ގައުމީ ވިސްނުމުގެ ބޭފުޅުން 19 ވަނަ މަޖިލީހުގައި ތިއްބެވުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާސިމަކީ ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ ކަމަށާއި ހާއްސަކޮށް މަޖިލީހުގައި އެމަނިކުފާނުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ.
އަދި ގާސިމަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ގާސިމް ފަދަ ތަޖުރިބާ ހުރި ފަރާތްތަށް ދެން އަންނަ ދައުރެއްގައިވެސް މަޖިލީހުގައި ތިއްބެވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އެފަދަ ބޭފުޅުން މަޖިލީހުގައި ތިއްބަވާނަމަ އެބޭފުޅުންގެ ތަޖުރިބާ އާއި ހިއްސާ އިސްލާހީ މަސައްކަތުގައި ލިބޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމީ ކަށަވަރުވާ ކަމެއް. މަޖިލިސް އިންތިހާބުގައި ގާސިމަށް ފުރިހަމަ ކާމިޔާބީއަށް އެދެން" ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މަޖިލިސް އިންތިހާބުގައި ގާސިމް މިފަހަރުވެސް ވާދަކުރައްވަނީ އދ.މާމިނގިލީ ދާއިރާ އަށް ކަމަށްވާއިރު، އެ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވަނީ ގާސިމެވެ. މިއީ އޭނާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ދެވަނަ ދައުރެވެ.
މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.