Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސަތުތިރީސްވަަނަބައި)

ޝައުން ނުކުތްއިރު، ސިޓިންރޫމު ސޯފާގައި އިސްޖަހާލައިގެން އާއިން އިނެވެ. މަޑުހިނގުމެއްގައި އައިސް ޝައުން ހުއްޓުމުން އާއިން އިސްއުފުލާ ބަލާލިއެވެ. ހުދުކުލައިގެ ދޫ ގަމީސްޓޮޕަކާއި ނޫކުލައިގެ ޖީންސްގައިހުރި ޝައުން ފެނިފައި ހިނދުކޮޅަކަށް އާއިންގެ ނަޒަރު ހުއްޓުނެވެ. ނަމަވެސް ހަމައެހާ އަވަހަށް އޭނާ ނަޒަރު ބަދަލުކޮށްލީ އިތުރަށް ބަލައިފިނަމަ ފާފަވެރިވެދާނެއޭ ހިތަށްއަރާފައެވެ. އާއިން ބަހެއްވެސް ނުބުނެ ތެދުވެގެން ހިނގައިގަތުމުން ޝައުންވެސް އޭނާގެ ފަހަތުން ނުކުތެވެ. ކާރު ކައިރިއަށް ދެވުމުން އާއިން ޝައުންއަށްޓަކައި ދޮރުހުޅުވާލަދިނެވެ. އާއިންގެ މިހަރަކާތުން ހައިރާންވެފައި ޝައުންއަށް ބަލާލެވުނެވެ. ދެމީހުންގެ ނަޒަރު ހިނދުކޮޅަކަށް ބައްދަލުވީ ހިނދު އާއިން ހީލިގޮތުން ޝައުންގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އިސްޖަހާލަމުން ކާރަށްއެރިއެވެ.

ކާރު އޭގެ މަންޒިލަށް ދަތުރުކުރަމުން ދިޔައިރު ދެމީހުންކުރެ މީހަކު އެއްވެސް ވާހަކައެއް ނުދައްކާ ހިމޭންކަމާއެކު ތިއްބެވެ. ދެމީހުންގެ ހިތުގައިވެސް ތަފާތު ޝުއޫރުތައް ހިނގަމުން ދިޔައިރު، އެކަކުވެސް އިސްވެ ވާހަކަ ދައްކާކަށް ޚިޔާލެއް ނުކުރިއެވެ. އާއިން އިނީ ޝައުންގެ ހާލުއަހާލައި ވެދިޔަކަންތަކާމެދު ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ނަމަވެސް ޝައުން ހިތްހަމަ ނުޖެހިދާނެތީ ސުވާލެއް ކުރަންވެސް އޭނާއަކަށް ނުކެރުނެވެ. ޚުދު ޝައުންވެސް އިނީ އޭނާ އެނބުރި އައީތީ އާއިން ސުވާލު ކުރާނެކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް އެކަހަލަ އިޝާރާތެއްވެސް އާއިންގެ ފަރާތުން ނުލިބުމުން އޭނާ ދެރަވާގޮތްވިއެވެ. އޭނާގެ ހާލާމެދު އާއިން ހަމްދަރުދީވެސް ނުވަނީ ބާއޭ ހިތަށްއެރިއެވެ. ނޫނީ އާއިންއަށް އަދިވެސް އޭނާ އަންނަން ޖެހުނު ސަބަބު ނޭނގެނީބާއެވެ.
ތަފާތު ވިސްނުމާއި ފިކުރުތަކުގައި ދެމީހުން ތިއްބައި ދަތުރު ނިމިއްޖެއެވެ. އޮފީސް އިމާރާތުގެ ޕާކިންލޮޓްގައި ކާރު ޕާކް ކުރުމަށްފަހު ދެމީހުން ކާރުން ފޭބިއެވެ. އާއިން ހިނގައިގަތުމުން ޝައުންވެސް އޭނާގެ ފަހަތުން ދިޔައެވެ.

" އޮފީސް އެއްކޮށް ބަލާލާނަންތަ؟ ނޫނީ ޝައުންގެ ބަޔަށްތަ ދާންވީ؟.." ލިފްޓަށް އެރުމަށްފަހު އާއިން އެހިއެވެ.

" އޮފީސް އެއްކޮށް ބަލާލަންވާނެއްނު….ދަސްކުރަންވާނެއްނު…" ޝައުން ޖަވާބުދިނެވެ.

އޮފީހުގެ އެކިބައިބައި ވަކިން ތަޢާރަފުކޮށްދީ، އެތަންތަނުގައި ކުރާމަސައްކަތްވެސް އާއިން އޮޅުން ފިލުވައިދެމުން ދިޔައެވެ. ވަގުތަކީ އޮފީސް ބަންދު ވަގުތެއްކަމުން އެއްވެސް މުއައްޒަފަކު ނެތެވެ. ނަމަވެސް ކޮންމެ ކެބިންއެއްގައި މަސައްކަތްކުރާ މުއައްޒަފުންގެ ނަންތައްވެސް އާއިން ކިޔައިދިނެވެ. ކުރިންވެސް އެއްފަހަރު އޭނާ އެއޮފީހަށް އައެވެ. ނަމަވެސް މިހާރުވަނީ އޮފީހަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

" މިއީ އަހަރެންގެ ކޮޓަރި….ބަލާލަންވާނެއްނު…" ތަނަވަސް ބޮޑު ކޮޓަރިއަކަށް ވަންނަމުން އާއިން ބުނެލިއެވެ.
އެއީ ވަރަށް ހިތްގައިމު ގޮތަކަށް ފަރުމާކުރެވިފައިވާ ކޮޓަރިއެކެވެ. އާއިންގެ މޭޒުގެ ފަހަތުގައިވާ ބިތްވަނީ ބިއްލޫރިންނެވެ. ކަހާލެވޭގޮތަށް ހަދާފައިވާ ދޮރުން ބެލްކަންޏަށް ނުކުމެވެން ހުއްޓެވެ.

" ވަރަށްރީތި…" ބެލްކަންޏަށް ނުކުމެލަމުން ޝައުން ބުނެލިއެވެ.

" ޝައުންގެ ބައިގަވެސް ހުންނާނެ މިގޮތަށް ބެލްކަންޏަށް ނުކުމެވެން….އެބައި މާބޮޑަށްވެސް ތަނަވަސްވެފަ ރީތިވާނެ…." އާއިން އޮޅުންފިލުވައި ދިނެވެ. އެތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެންދިޔައީ ޝައުންއަށް ޚާއްސަކުރެވިފައިވާ ބަޔަށެވެ.

" މިއީ ޝައުންގެ ބައި….ރީތިތަ؟.." ބޮޑު ހޯލެއްކަހަލަ ތަނަވަސް ކޮޓަރިއަކަށް ވަންނަމުން އާއިން ބުނެލިއެވެ.

ޝައުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެކި ހިސާބުގައި ތަފާތު ހެދުން ހަރުތައް ބެހެއްޓިފައި ވީއިރު، އެކިކަހަލަ ކަބަޑުތަކާއި ބޮޑު މޭޒެއްވެސް އެއްފަރާތުގައި ހުއްޓެވެ. އަދިވެސް މަސައްކަތްކުރުމަށް ބޭނުންވާނެހައި ސާމާނަކާއި އެކި ޑިޒައިންތަކުގެ ފޮތިރޯލްތައްވެސް ވަކި ޚާއްސަ ތަރުތީބަކުން ބެހެއްޓިފައިވިއެވެ.

" މިއީ ޝައުންގެ މޭޒު…." އެއްފަރާތެއްގައި ބެހެއްޓިފައިވާ މޭޒަށް އިޝާރާތްކުރަމުން އާއިން ބުނެލިއެވެ. މޭޒުމަތީގައި ކޮމްޕިއުޓަރ ސިސްޓަމަކާއި ލޭންޑްލައިން ފޯނެއްގެ އިތުރުން މަސައްކަތަކަށް ބޭނުންވާނެ ސާމާނުތައް ބެހެއްޓިފައި ހުއްޓެވެ.

" އަދިވެސް ޝައުން ބޭނުން އެއްޗެއް ވާނަމަ އަހަރެންނަށް އަންގާލާ….." ޝައުންއާ ދިމާ ބަލާލާފައި އާއިން ބުނެލިއެވެ.

" ފެންނަފެނުމަށް ހީވަނީ ބޭނުންވާ ހުރިހާ އެއްޗެއްވެސް އެބަހުރިހެން….ދެން މަސައްކަތްކުރަން ފެށީމަ ބުނާނަން އިތުރަށް އެއްޗެއް ބޭނުންވާނަމަ…" ހިނިތުންވެލަމުން ޝައުން ބުނެލިއެވެ.

" އުޅޭ ކޮފީއެއްބޯލަން…މިތާހުންނާނެ ކޮފީވެސް….މިއަދު އަހަރެން ކޮފީއެއް ހަދާލަދޭނަން…" އާއިން އެހެންބުނުމަށްފަހު ކަބަޑެއްގެ ކައިރިއަށް ޖެހިލިއެވެ. ކަބަޑު ހުޅުވާލާފައި އާއިން ކޮފީގިރަން ބޭނުންވާ ސާމާނު ނެގިއެވެ.

" އޯހ…ކޮފީ މިހުރީ ހުސްވެފަ….އެބައަންނަ ތިރިއަށް ގޮސް ހިފައިގެން…." އާއިން ކަބަޑު ލައްޕާލުމަށްފަހު ތިރިއަށްދާން ހިނގައިގަތެވެ.

އާއިން ދިއުމުން ޝައުން ބެލްކަންޏަށް ނުކުމެ ބޭރުބަލާލިއެވެ. ވިލާބޯވެ އުޑުމަތި ބަނަވުމުގެ ސަބަބުން މާހައުލަށް އަދިރިކަން ވެރިވެފައިވެއެވެ. ވައިރޯޅިވެސް ބާރުވަމުންގޮސް ވާރޭވެހުމުގެ އިންޒާރުދޭން ފަށައިފިއެވެ. ޖެހެމުންދިޔަ ވައިގެ ފިނިކަމުން ހިތްއުފާކޮށްލުމަށްޓަކައި އޭނާ ދެލޯމަރާލިއެވެ. އެގޮތަށް އިރުކޮޅަކު ހުއްޓައި ކުއްލިއަކަށް އޭނާ ސިހުނީ މޫނުގައި ބީހެންފެށި ވާރޭގެ ފެންތިކިތަކުގެ ފިނިކަން އިހުސާސްކުރެވިގެންނެވެ. ޝައުން ދެލޯހުޅުވާލާފައި ބަލާލިއިރު، ތުނިތުނިކޮށް ވާރޭވެހެމުންދެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ހިނިތުންވެލާފައި އޭނާ ދެއަތްދަމާލަމުން ވާރޭގެ ތެރޭގައި އެބުރިލިއެވެ. އޭނާ ބޭނުންވީ ވާރޭގައި ތެމިލައި ހިތަށް ފިނިކަން ހޯދާށެވެ. މަޑުމަޑުން ވާރޭގެ ތިކިތައް ބޮޑެތިވަމުން ވާރޭ ބޯކުރަމުން ދިޔައެވެ. ޝައުން ހިނިތުންވެހުރެ ވާރެތެރޭގައި އެނބުރި އެނބުރި ހުރިއިރު، އޭނާހުރީ އާއިންގެ މަތިންވެސް ހަނދާންނެތިފައެވެ. މިހިތްގައިމު ވަގުތުކޮޅުގެ އުފާ އޭގެ އެންމެފުރިހަމައަށް އޭނާ ހޯދަމުން ދިޔައެވެ. އޭނާ ވާރެއާ ނުތެމޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން މިއަދު އޭނާ ބޭނުންވަނީ ހިތް ފުރޭންދެން ވާރެއާ ތެމި ހިތުގައިވާ ހުރިހާ ނުތަނަވަސްކަމެއް ފިލުވާލާށެވެ.

އާއިން ކޮފީފުޅި ހިފައިގެން އައިސް ކޮފީގިރަން އުޅެފައި ޝައުން ކޮބައިތޯ ބަލާލިއެވެ. އެވަގުތު ބެލްކަނީގައި ވާރެއާތެމެންހުރި ޝައުން އޭނާގެ ލޮލުގައި އަޅައިގަތެވެ. ވިސްނުމެއް ފިކުރެއްނެތި ހިނިތުންވެފައިހުރެ ޝައުން ވާރެއާތެމެމުން ދިޔައިރު، އެކުއްޖާގެ މައުސޫމުކަން އިތުރުވެފައިވިއެވެ. ތެމިފޯވެފައިވާ ހުދުކުލައިގެ ގަމީސްވަނީ އޭނާގެ ގައިގާ ތަތްލާފައެވެ. އެހެންކަމުން ޝައުންގެ ދޮންހަށިގަނޑުގެ ވަނާތައް ނުހަނު ރީއްޗަށް ފާޅުވަމުން ދިޔައެވެ. އެހާލަތުގައި ޝައުން ފެންނަ ކޮންމެމީހަކަށްވެސް އާޝޯޚުވެފައި އެމަންޒަރު ބަލަން ހުރެވޭނެއެވެ. އާއިންއަށްވެސް ބޭއިޚްތިޔާރުގައި ޝައުންގެ ހަރަކާތްތަކަށް ބަލަން ހުރެވުނެވެ. އާއިންގެ ނަޒަރު ބޭއިޚްތިޔާރުގައި ޝައުންގެ ހަށިގަނޑުގެ އެކިވަނާތަކަށް ވަކިވަކީން ދަތުރުކުރިއެވެ. އެއާއެކު އޭނާގެ ހިތަށްއެރި އެއްޗެއްގެ ސަބަބުން ހިތުގެ ވިންދު ހަލަބޮލިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ޝައުންއާ ދިމާއަށް ފިޔަވަޅެއް އަޅާފައިވެސް އޭނާއަށް ހުއްޓެވުނެވެ.

" ސުބުޙާނަﷲ…..އަހަރެންނަށް ކީއްތަމިވަނީ؟…ކީއްވެ ޝައުން ފެނުނީމަ ހިތަށް ގޮތެއް މިވަނީ؟…އަހަރެން މިކުރަނީ ރަނގަޅުކަމެއްނޫން….އަހަރެންގެ ނަޒަރުވެސް އަދި އަހަރެންގެ ނަފްސުވެސް އަހަރެން ކޮންޓްރޯލް ކުރަން ޖެހޭނެ…" އާއިން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އަދި އަނެއްކާވެސް ކޮފީ ތައްޔާރުކުރުމަށް އުޅެގަތެވެ.

ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން ޖައްވުގެ ފިނިކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔައެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ޝައުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް އަދިވެސް އޭނާ އެތެރެއަށް ވަންނާކަށް ނޫޅެއެވެ. މުޅިމީހާ ތެމިފޯވެ، ހީކަރުވަންވެސް ފަށައިފިއެވެ. ކޮފީގިރަން ހުރި އާއިންގެ ހިތުގައި ހައިޖާނެއް ހިނގަމުންދާއިރުވެސް ދެވަނަ ފަހަރަށް ޝައުންއާ ދިމާ ބަލާލާކަށް އޭނާ ގަސްތެއް ނުކުރިއެވެ. އިތުރަށް ބަލާލައިފިނަމަ އޭނާގެ ބަސްނާހާހިތަށް ޝައިތޯނީ ވަސްވާހެއް ވަދެ، އޭނާގެ ހިތް މަގުން އެއްކިބާވެދާނެއެވެ. އޭނާގެ ލޮލުން މިހާރުވެސް އެވަނީ ފާފައެއް ކުރެވިފައެވެ. އާއިން ވިސްނުމެއްގައި ހުއްޓައި ޖެހިބާރު ގުރުރިއެއްގެ ސަބަބުން ސިހުންލިބި، ބޭއިޚްތިޔާރުގައި ޝައުން ކޮބައިތޯ ބަލާލެވުނެވެ. އޭރު ޝައުންވެސް ގުގުރީގެ އަޑުއިވިފައި ބިރުން ދޮރާދިމާއަށް އަންނަނީއެވެ. ދެމިފޯވެގެންހުރެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މުށިތަކުގައި ފައިހަރުނުލައި އޭނާ ކައްސާލިއެވެ. ބިރުންގޮސް ކަރުތެރެއިން ތޫލި ހަޅޭއްކެ އަޑުއިވިގެން ދިޔައެވެ. އެމަންޒަރު ފެނިފައި އާއިންވެސް ޝައުން ވެއްޓުނަ ނުދީ ސަލާމަތްކުރެވޭތޯ އެދިމާއަށް ދުވައިގަތެވެ. ނަމަވެސް އެއަށްވުރެކުރިން ޝައުން ވެއްޓިއްޖެއެވެ. ޝައުންއާދިމާއަށް ދުވެފައި އައި އާއިންއަށް އެރުނީ ޝައުންގެ ގައިން ފޭބި ފެންތަކުގެ ތެރެއަށެވެ. އެއާއެކު އޭނާވެސް ކައްސާލައިގެން ޝައުންގެ ގައިމައްޗަށް ވެއްޓިއްޖެއެވެ.
" އައުޗް!" ޝައުންގެ އަނގައިން ބޭއިޚްތިޔާރުގައި އަޑެއް ނުކުތެވެ.
އާއިން ވެއްޓުނުގޮތަށް އޭނާގެ މޫނުޖެހުނީ ޝައުންގެ މޫނުގައެވެ. އާއިންގެ ތުންފަތް ހުރަކާނުލައި ޝައުންގެ ކޯތާފަތުގައި ބީހުނު ވަގުތު ޝައުންގެ ހަށިގަނޑުގައި ފިނީގެ ރާޅެއް ދުވެލިއެވެ. ޚުދު އާއިންގެ ހިތަށްވެސް އޭގެ އަސަރު ކުރިފަދައެވެ. އާއިން އަވަސް އަވަހަށް ތެދުވަން މަސައްކަތްކުރި ނަމަވެސް ދެވަނަފަހަރަށްވެސް އޭނާ ވެއްޓުނެވެ. އާއިންގެ ގައިދަށުވެ ޝައުންގެ ހަށިގަނޑު ފިތިގެން ދިޔަ ވަގުތު ޝައުންއަށް ބޭއިޚްތިޔާރުގައި ލޯމަރާލެވުނެވެ. އެކަކު އަނެއްގެ ނޭވާގެ ހޫނުކަން އިހުސާސް ކުރެވޭހައި ގާތުގައި ހިނދުކޮޅެއް ވޭތުވެގެން ދިޔައެވެ. ދެހިތުގެ ހިނގުމަށް ބަދަލުގެނުވި ވަގުތުކޮޅަކަށްފަހު ދެމީހުންނަށްވެސް ހޭވެރިކަންވިއެވެ.

" ސޮރީ….ތަދުވިތަ؟.." އާއިން އަވަސް އަވަހަށް ތެދުވެ އިށީއްނަމުން ޝައުންގެ ގާތުގައި އަހާލިއެވެ.

" ކުޑަކޮށް…" ޝައުންވެސް ތެދުވެ ހަމަޖެހިލަމުން ބުނެލިއެވެ. އާއިންތެދުވެ ހިންދެމިލަމުން ޝައުންގެ އަތުގައި ހިފާނެގިއެވެ.

" ކީއްވެ ވާރެޔާ ތެމުނީ؟…" އާއިން ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ.

" ނުތެމޭތާ ގިނަދުވަސްވީމަ ދެންހަމަ ތެމޭހިތްވީ…." ޝައުން ބުނެލިއެވެ.

" މިހާރު ތިހުރީ ހީކަރުވައިވެސް ގަނެފައެއްނު….ހިނގާ ކޮފީބޯން…" އާދައިގެން ގޮތަކަށް އާއިން ބުނެލިއެވެ. ޝައުންވެސް ދެބަހެއްނެތި އާއިންގެ ފަހަތުން މަޑުމަޑުން ހިނގައިގަތެވެ. މިފަހަރު އޭނާ ދިޔައީ ވެއްޓިދާނެތީ ސަމާލުވެގެންނެވެ. އާއިން ގޮސް މޭޒުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

" ކީއްވެ ކޮޅަށް ތިހުރީ…އިށީނދެބަލަ!…" ޝައުން ކޮޅަށްހުރުމުން އާއިން އަހާލިއެވެ.

" ގޮނޑި ތެމޭނެއްނު…" ކަންބޮޑުވެފައި ޝައުން ބުނެލިއެވެ.

" އޯކޭ…މާދަމާ އެހެންގޮނޑިއެއް ގެނެސްދީފާނަން….ދެން މިވަގުތު އިނށީދޭ.." އާއިން ސީރިއަސްކަމާއެކު ބުނުމުން ޝައުން އިށީނެވެ.

" އަން…ރަހަބަލާބަލަ މީރުތޯ…" ކޮފީތަށި ދިއްކޮލަމުން އާއިން އެދުނެވެ.

" ވަރަށްމީރު…" ކޮފީތަށީގައި ހިފައި އެދިފޮދެއް ބޯލަމުން ޝައުން ޖަވާބުދިނެވެ. ކޮފީބޯން އިނދެފައި އާއިން އިސްއުފުލާލި ވަގުތު އަނެއްކާވެސް ޝައުންގެ ތެމިފައިވާ ގަމީހުގެ ތެރެއިން ހާމަވާންހުރި ދޮންކަންފެނި އަވަސް އަވަހަށް އިސްޖަހާލެވުނެވެ. އާއިންގެ އެހަރަކާތުން ޝައުންއަށް އޭނާގެ އަމިއްލަ ހާލާމެދު ވިސްނާލެވި އިންތިހާއަށް ލަދުގަތެވެ.

" އޯހނޯ…މިހުރިހާއިރު އާންގެ ކުރިމަތީގަ މިހުރެވުނީ މިހެންތަ؟…" ގަތްލަދުން ޝައުން އޭނާގެ ދެއަތުގެ އިނގިލިކުރިން ގަމީހުގައި ހިފައި ގަޔާދުރުކުރެވޭތޯ އުޅުނެވެ. އާއިން އިސްޖަހައިގެން އިންނަމަވެސް އޭނާއަށް ޝައުން ލަދުން އުޅޭކަން އިހުސާސްވުމުން އޭނާ ކޮފީތަށި ބެހެއްޓުމަށްފަހު ގޮސް ކަބަޑެއް ހުޅުވާލުމަށްފަހު ތުވާއްޔެއް ނަގައިގެން އައިސް ޝައުންގެ އަތަށްދިނެވެ.

" މިތަނުން ހެދުމެއް ހިފައިގެން ގޮސް ޗޭންޖްކޮށްލަންވީނު….އެހުރީ ފާޚާނާ…ނޫނީ ބޭނުމިއްޔާ ހެދުން ހިއްކާވެސް ލެވޭނެ…އެތެރޭގަ ހުންނާނެ މެޝިން…" ކޮޓަރީގެ އެއްކަނެއްގައިވާ ދޮރަކަށް އިޝާރާތްކުރަމުން އާއިން ބުންޏެވެ. ޝައުން ތުވާލި އޮޅައިގެން ގޮސް ފާޚާނާއަށްވަދެ ތެތް އެއްޗެހި ބޭލުމަށްފަހު ހިއްކާލިއެވެ. ދެތިން ފަހަރު ހިއްކުމުންވެސް ޖީންސް ހިކޭގޮތެއްނުވިއެވެ. އެހެންކަމުން އޭނާ އެހުރިގޮތަށް ތެތްކަންމަތީ ޖީންސް ލައިގެން ނުކުތެވެ.

" ކީއްވެ މިތަނުން ހެދުމެއް ނުލީ…." ޝައުން އައިސް މޭޒުކައިރީގައި އިށީނުމުން އާއިން އެހިއެވެ.
" ދެން އޯކޭވާނެ….މިހާރު ހިކިއްޖެއޭ…." ގޮނޑީގައި އިށީއްނަމުން ޝައުން ބުނެލިއެވެ.
ކޮފީބޯންތިބެގެން ކުންފުނީގެ ކަންކަން ހިނގާ ނުހިނގާގޮތް އާއިން އޮޅުން ފިލުވައިދިނެވެ. ޝައުންވެސް ޝައުޤުވެރިކަމާއެކު އެވާހަކަތައް އަޑުއެހިއެވެ. ނަމަވެސް އޭނާ މާގިނަ ވާހަކައެއް ނުދައްކައެވެ.
*****
އާދުވަހެކެވެ. އާމޫނުތަކެކެވެ. އާކަންތައްތަކަކާއި އާ ތަޖުރިބާތަކެކެވެ. ޝައުން މީޓިންރޫމަށް އައީއްސުރެ އެކަކު އަނެކަކު ސިއްރު ސިއްރުން ޗުކުޗުކުލައްވަމުން ދިޔައެވެ. ޝައުންގެ ރީތިކަންފެނި އާޝޯޚްވީ ހިތްތަކެއް ވީހިނދު ހަމައެރީތިކަމަށް ހަސަދަވެރިވީ ހިތްތަކެއްވެސް ވިއެވެ. އެއިން އެއްވެސް ކަމެއް ރޭކާނުލާހުރެ ޝައުން އޭނާގެ ވަޒީފާގެ ޒިންމާތައް އަދާކުރުމަށް އަތުކުރި އޮޅާލިއެވެ. ޝައުންއަކީ ކާކުކަން ތަޢާރަފުކޮށްދިން ވަގުތު ހިނިތުންވެފައިވާ މޫނަކައިގެން އެންމެނާވެސް ކުރިމަތިލިއެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ޝައުން އޭނާގެ ބަޔަށް ދިޔައެވެ. އޭނާއާއެކުގައި އޭނާގެ އެސިސްޓެންޓް ރައުހާވެސް ދިޔައެވެ. ރައުހާ ވަރަށް ތަފްސީލުކޮށް ޝައުންއަށް ކަންކަން އޮޅުންފިލުވައިދީ ހެދިއެވެ. ނިމިފައިވާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމުގެ ތަފްސީލުތައްދީ ހެދިއެވެ. ރައުހާގެ ހިތްހެޔޮކަމާއި އެހީތެރިކަމުގެ ސަބަބުން ޝައުން ވަރަށްބޮޑަށް ހިތްހަމަޖެހުނެވެ. އެންމެބޮޑު ހިތްހަމަޖެހުމެއް އޭނާއަށް ލިބުނީ އެންމެނާއި ވަކިން އެކަހެރި މާހައުލެއްގައި މަސައްކަތްކުރަން ލިބުމުންނެވެ. ސިންގަޕޫރުގައި މަސައްކަތްކުރިފަދަ ހިތްފަސޭހަ މާހައުލަކަށް ނުވީނަމަވެސް މިތަންވެސް އޭނާއަށް ވަރަށް ކަމުދެއެވެ. އޭނާ އެންމެ އުފާވީ އާއިން ނުފެންނަ ހިސާބުގައި މަސައްކަތްކުރަން ޖެހުމުންނެވެ. އާއިންއާ ވީހާވެސް ދުރުގައި އުޅެން އޭނާ ބޭނުމެވެ.
ނުނިމޭ