Last Updated: May 11, 08:35
Saturday, May 11, 2024
ކުޅިވަރު

ފަހުވަގުތު އަލްކަސާ ކާމިޔާބުކުރި ދެލަނޑުން ޑޯޓްމަންޑް އަލުން އެއްވަނައަށް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޕަކޯ އަލްކަސާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޑޯޓްމަންޑް

ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް ކޮޅަށް ފަހުވަގުތު ޕަކޯ އަލްކަސާ ވައްދާލި ދެލަނޑާއެކު ބޮރޫޝިއާ ޑޯޓްމަންޑުން އަލުން އެއްވަނައަށް ޖެހިލައިފިއެވެ. މި މެޗުން ޑޯޓްމަންޑް މޮޅުވީ 2-0 އިންނެވެ.

މިނަތީޖާއާއެކު ޑޯޓްމަންޑަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ބަޔާން މިއުނިކް ވަނީ ރޭ ކުޅުނު މެޗުގައި ފްރެއިބާގްއާ 1-1 އިން އެއްވަރުވެފައެވެ. ތާވަލްގެ ތިންވަނައިގައި އޮތް ރެޑްބުލް ލިޕްޒީގަށް 52 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް ވަނީ 47 ޕޮއިންޓް ހަމަކޮށްފައެވެ.

ޑޯޓްމަންޑުން މި މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ސަބަބަކާހުރެ އެ ޓީމުގެ ކެޕްޓަން މާކޯ ރޮއިސް އަށް ނުކުޅެވުމެވެ. ރޮއިސް އަށް މި މެޗުގައި ބައިވެރިނުވެވުނީ އޭނާގެ އަންހެނުން ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެ، ވިހެއުމަށް ތައްޔާރުވެފައިވާތީވެ އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަށް ބޭނުންވާތީއެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއް ތަނަވަސްކުރެވިފައިނުވާއިރު ވުލްފްސްބާގްގެ ވިލިއަމް އާއި ވައުޓް ވެގޯސްޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޑޯޓްމަންޑްގެ ގޯލްކީޕަރު ރޯމަން ބުރްކީ އެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އާއި ރަފައެލް ގުރޭރޯ އަށް އެ ޓީމަށް ލީޑްނަގައިދިނުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ވުލްފްސްބާގްގެ ގޯލްކީޕަރު ކޮއެން ކަސްޓީލްސް މަތަކުރިއެވެ.

ފްރެއިބާގްއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ދެ ޓީމަށް ލަނޑެއްނުޖެހި މި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އަލްކަސާ ވަނީ ޑޯޓްމަންޑަށް ލީޑްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށް ޑޯޓްމަންޑަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މެޗާއެކު ޑޯޓްމަންޑުން ވަނީ މި ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބުކޮށްފައެވެ. އަނެއް ދެ މެޗުން އެ ޓީމު ވީ އެއްވަރެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން ވަނީ ރަށުން ބޭރުގައި ފްރެއިބާގްއާ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ ކުރީކޮޅު ފްރެއިބާގްގެ ލޫކަސް ހޮލާ ލީޑްނަގައިދިންިއިރު، 22 ވަނަ މިނެޓުގައި ބަޔާން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ.

ލީގުގައި ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑްއާ ބަޔާން ބައްދަލުކުރާ މެޗެވެ. ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން 21:30 ގައެވެ.