Last Updated: April 20, 08:59
Saturday, April 20, 2024
ކުޅިވަރު

އެމްބާޕޭގެ ގޯލާއެކު ޕީއެސްޖީން ލީގު ހޯދުމާއި ގާތަށް

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލާއެކު ޓުލޫސް ބަލިކޮށް ލީގު ހޯދުމާއި ގާތަށް ޕީއެސްޖީއިން ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އިން 29 މެޗުން 80 ޕޮއިންޓް ހަމަކުރިއިރު ދެވަނައިގައި އޮތް ލިއްލޭ އަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން އޮލިމްޕިކް ލިޔޯން ތިންވަނައިގައި އޮތްއިރު އޮލިމްޕިކް މާސޭ އޮތީ 48 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ ގިނަ ބަދަލުތަކާއެކުގައެވެ. އެގޮތުން، ރޭގެ މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ނޭމާ އާއި އެޑިންސަން ކަވާނީ އަދި އެންހެލް ޑި މާރިއާ ނުކުޅެއެވެ. މީގެއިތުރުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ތިއާގޯ ސިލްވާ އާއި މާކޯ ވެރާޓީ ވެސް ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފުގައެވެ. މި މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ އަލްފޮންސޭ އަރެއޯލާ އެވެ.

ޓުލޫސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖެހުމަށް އެންމެ ރަނގަޅު ފުރުޞަތުތައް ލިބުނީ ޕީއެސްޖީއަށެވެ. އެ ޓީމުގެ އެމްބާޕޭ އާއި ޕްރެސްނެލް ކިމްޕެމްބޭ ފޮނުވާލި ހަމަލާތައް ޓުލޫސްގެ ގޯލްކީޕަރު ބަޕްޓިސްޓޭ ރޭނެޓް މަތަކުރިއެވެ. އޭގެފަހުން، ޕީއެސްޖީގެ މާކީނޯސް ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޮފްސައިޑް ގޯލެއްކަމަށް ނިންމާފައެވެ. މި ހާފުގައި ޓުލޫސްގެ ޔާޔާ ސަނޯގޯ އާއި ކްރިސްޓޮފާ ޖޫލިއަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ޓުލޫސްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕީއެސްޖީ

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަ ވަގުތުކޮޅެއްގެތެރޭގައި، ޕީއެސްޖީގެ އެރިކް މެކްސިމް-ޗޫޕޯ މޯޓިން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޓުލޫސްގެ ކީޕަރު ރޭނެޓް މަތަކުރިއިރު އޭގެފަހުން، ފުލުފުލުގައި ޓުލޫސްގެ ސަނޯގޯ އާއި ޖިމީ ޑުރްމާޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޕީއެސްޖީގެ ކީޕަރު އަރެއޯލާ އެވެ.

މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ 20 އަހަރުގެ އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ ތިލޯ ކެރާ ނަގައިދިން ހުރަހަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 27 ވަނަ ލަނޑެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ޕީއެސްޖީން ވަނީ ލީގުގައި މިހާތަނަށް 87 ގޯލް ހަމަކޮށްފައެވެ. އަދި ލީގުގައި ބާކީ 9 މެޗު އޮތްއިރު އެ ޓީމުން އަމާޒުހިފާފައިވަނީ 1960/1959 ވަނަ އަހަރުގެ ސީޒަނުގައި ރޭސިންގ ކްލަބް ޑެ ފްރާންސުން 118 ގޯލް ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލުމުގެ އިތުރުން ލީގުގައި ފުރަތަމަ ފަހަރަށް 100 ޕޮއިންޓް ހަމަކުރާ ޓީމަށް ވުމަށެވެ.

ލީގުގައި ޕީއެސްޖީއަށް ދެން އޮތީ އަންނަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ސްޓްރަސްބޯގްއާ ބައްދަލުކުރާ މެޗެވެ. މި މެޗުން އެ ޓީމު މޮޅުވެ، އާދީއްތަ ދުވަހު ރެނެސްއާ ދެކޮޅަށް ކުޅޭ މެޗުން ދެވަނައިގައި އޮތް ލިއްލޭ ބަލިވެއްޖެނަމަ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްޖީ އަށް ލީގު ތަށި ޔަގީންވާނެއެވެ.