Last Updated: June 10, 09:20
Wednesday, June 10, 2026
ޚަބަރު

"އޮޅުވާލައިގެން ފޯން ރިޗާޖް ކުރާ މައްސަލަ ބޮޑު"

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ފޯނު މެދުވެރިކޮށް ފިހާރަތަކަށް ގުޅައިގެން ރީލޯޑު ކޮށްގެންނާއި އަދި ރާސްޓަސްކޮށް ބޮޑެތި ޢަދަދުތަކުން ފޯނުތަކަށް ފައިސާ ފޮނުވައި ފޯނުތައް ރިޗާޖް ކުރުމަށްފަހުު ފައިސާ ނުދޭ މައްސަލަތައް އިތުރުވަމުން ދާތީ އެކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އިން އިލްތިމާސް ކޮށްފިއެވެ.

ފަހަކަށް އައިސް ފޯ ނުމެދުވެރިކޮށް ފިހާރަތަކަށް ގުޅައި ރިޗާޖް ކުރުމަށް ފަހު ފައިސާ ނުދައްކައި ބައެއް ފަރާތްތަކަށް އޮޅުވާލާކަމުގެ ޝަކުވާ ހުށަހެޅިފައިވާ އިރު މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ދިމާވެ ރައްޔިތުން އެކަންކަމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އިން އިލްތިމާސްކޮށްފި އެވެ.

މިގޮތުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާ އިރު ބައެއް ފަހަރު މަސް ހިފައިގެން ރަށްރަށަށް ދަތުރު ކުރަމުން ދާތީ އެކިއެކި ފަރާތްތަކަށް ގުޅަން ޖެހޭތީ ރީލޯޑްކޮށް ދިނުމަށް ނުވަތަ ރާސްޓަސް ފޮނުވައި ދިނުމަށް އެދުމާއި، ވަރަށް އަވަދިނެތި އުޅޭތީ ނުދެވުނީ ކަމަށްބުނެ މީހާގެ އަޞްލު އޮޅުވާލައި ނުބައި މަޢުލޫމާތު ދީ ބޮޑެތި ޢަދަދުތަކުން ފައިސާ އެޅުން ފަދަ މައްސަލަތައް ހިމެނެ އެވެ.

މިފަދަ ބައެއް މުޢާމަލާތްތަކުގައި 3،000-4،000 ރުފިޔާގެ ޢަދަދުތަކުން ފައިސާ ޖަމާކޮށްފައި ހުރިކަން ވެސް ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުން ބުނެ އެވެ.

ޢާއްމު ފަރާތްތަކަށް އޮޅުވާލައިގެން މިފަދަ ކުށްތައް ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު މި ކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ފުލުހުންނަށް ދިނުމަށް ވެސް ފުލުހުން އެދެ އެވެ.
އަދި މިފަދަ މައްސަލަތައް ދިމާވުމުން ވީއެންމެ އަވަހަކަށް އެކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަވިސް އަށް ހުށަހެޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.