Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މާލޭގެ ރައްޔިތުން ދަތުރުދާން ހަމަޖެއްސި ރަށް އަންނަ އަހަރު ހުޅުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖެއްސި ރަށް އަންނަ އަހަރު ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުން ރަށެކެވެ. ދަތުރުދިޔުމަށް ކަނޑައެޅި ރަށަކީ ގާތްގަނޑަކަށް ތިންލައްކަ ތެއްތިރީސް ހާސް އަކަފޫޓުގެ ސަރަހައްދެކެވެ. އެ ރަށް ތަރައްގީކޮށްދިނުމުގައި ސަރުކާރަށް އެހީތެރިވުމަށް ތައިލޭންޑުގެ ސިންގާ އެސްޓޭޓުން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުން ދަތުރުދާނެ ރަށެއް ހަމަޖެއްސުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ކުންފުނިން އެ ރަށް ތަރައްގީކޮށްދެނީ ޕިކްނިކް އައިލޭންޑަކުން ހުރިހާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ހުރިހާ ހިދުމަތްތައް ހިމެނޭ ގޮތަށް ކަމަށެވެ.

https://twitter.com/PlanningMV/status/1113035106933891072

އަދި ސަރުކާރުން ގަސްދުކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެ ރަށަށް ދަތުރުދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އާއިލާތައް ދަތުރުގޮސް އުޅެވޭނެ އިންތިޒާމުތައް ހުންނާނެ. ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ޖާގަވެސް އޮންނާނެ. ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ތަންތަނާއި އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ. އަޅުގަނޑުމެން ގަސްތުކޮށްފައިވަނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު އެ ރަށަށް ދަތުރު ދެވޭވަރު ކުރުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށް ހުޅުވުމުން މާލޭގެ ރައްޔިތުން މިއަދު ކުރިމަތިލާން ޖެހިފައިވާ އެތަށް މައްސަލައަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މާލެ ތޮށްޖެހުމަކީ މިއަދު ކުރިމަތިލާން ޖެހިފައިވާ އެތަށް މައްސަލައެއްގެ އަސްލު ކަމަށާއި އަދި އެއީ އެތަށް ބައިވަރު މައްސަލަތަކުގެ ފެށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިޖްތިމާއީ އެތަށް މައްސަލައެއްގެ ހަގީގީ ސަބަބަކީ ހިތްފަސޭހަކޮށްލެވޭނެ ގޮތެއް ނެތި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުން. އާއިލީ ގުޅުންތަކާއި ރަށްޓެހިކަމާއި އެކުވެރިކަމުގެ ގުޅުންތައް ގާއިމޮށް ދެމެހެއްޓުމަށްޓަކާ ވެސް އެންމެން އެކުގައި ދަތުރުގޮސް އުޅެވޭނެ ގޮތެއް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ރައީސް ވިދާޅުވިއެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ.