Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަދީބު ވަޒީރަކަށް ގެނައީ އަޅުގަނޑު ބުނެގެން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އަހުމަދު އަދީބު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރަކު ވޯޓްދެއްވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އީސާގެ ކެމްޕޭން އިވެންޓެއްގައި މިއަދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން ބައިކޮށްގެން ކަމަށާއި އެ ވެރިކަމުގެ ތެރޭގައި ފަންޏެއް އަޅުވައިގެން ނުވަތަ ގުޑުމެއް ގެނެސްގެން ކަމަށް ގަބޫލުކުރެއްވި ކަމަށެވެ.

އެގޮތުން އަދީބު ވަޒީރު ކަމަށް ގެނައުމަކީ އެފަދަ ކަމެއް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރެއްވި ކަމަށާއި އަދި އަދީބު ވަޒީރު ކަމަށް ގެނެސްފައިވަނީ އެމަނިކުފާނުގެ އެދިވަޑަގަތުމަކަށް އޭރުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު އީސަ ވޯޓު ދެއްވުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނިފައި އޮތް ގޮތުގައި އަދީބު ވަޒީރުކަމަށް ގެނެއްސިއްޔާ، އަޅުގަނޑު ދުށް ގޮތުގައި އޭނާ އިންތިހާ އަށް ކޮރަޕްޓްވާނެ. އަދި އެ އޮޔެވަރުގައި ރައީސް ޔާމީން ރަނގަޅަށް ޖެހިވަޑައިގަންނަވާނެ. އެހެންވީމާ އަޅުގަނޑު ހިތަށް އެރީ އެރޭ 12 ޖަހާއިރު އީސަ އަށް ގުޅާނަމޭ. އޭރު އަޅުގަނޑުމެންގެ ޕާޓީން އޮތީ ވިޕްލައިން އަޅާ ނިންމާފަ. ދެން އަޅުގަނޑު އީސަ އަށް ދަންނަވައިފިން އީސާއޭ ކަލޭ ލާށޭ އޭނައަށް، އަދީބަށް ވޯޓު. ދީގެން އޭނާ ވަޒީރަކަށް ހަދާށޭ. އަދީބަށް ވަޒީރުކަން ލިބުނީ އީސަގެ ވޯޓުން. އެއް ވޯޓުން" ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އޮތުމުން ރަށު ރައްޔިތުންގެ ވޯޓު ނުލިބިދާނެތީ އެކަން ކުރަންވުމުން އީސަ ވެސް ފުރަތަމަ ޝަކުވާ ކުރެއްވި ކަމަށާއި ނަމަވެސް އީސަ އަކީ އެމަނިކުފާނު ދައްކަވާ ވާހަކަ ގަބޫލުކުރައްވާ ބޭފުޅެއްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދެން އީސަ ނުކުމެގެން ދަނިކޮށް އަޅުގަނޑުގެ އަންހެނުން ވެސް ބުނެފި އީސާއޭ އޭނަ ދައްކާ ވާހަކަ ގަބޫލުކުރާކަށް ނުވާނެއޭ. އެހެން ނަމަވެސް އީސަ އަކީ އަޅުގަނޑު ދައްކާ ވާހަކަ ގަބޫލުކުރާ ބޭފުޅެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު އަދީބަކީ ރާއްޖޭގެ މިފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ.