Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ރައްޔިތުން ލޯ ހުޅުވައިދިނީ އެމްޑީޕީގެ ސަރުކާރުން: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ދިވެހި ރައްޔިތުން ލޯ ހުޅުވައިދިނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު މިހެން ވިދާޅުވީ ބ.ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕޭން އިވެންޓެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.

މީގެކުރިން އެމްޑީޕީގައި ހުންނަވައި އެ ޕާޓީފެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި އަލީ ރޭގެ ޖަލްސާގައި ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން ލޯ ހުޅުވައިދިނީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދާ އެކު އުފެދުނު އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެ ސަރުކާރު އައިފަހުން ގިނަ އަސާސީ ހިދުމަތްތަކެއް ލިބެންޖެހޭކަން އެނގިގެންދިޔަ ކަމަށެވެ.

"އެ ސަރުކާރު އައިފަހުން އެނގުނީ ބޯހިޔާވަހިކަމާއި ފްލެޓާއި އެއްޗެހި މިއީ ލިބެންޖެހޭ އެއްޗެއްކަން. ދަތުރުފަތުރަކީ މިއީ އޮންނަންޖެހޭ އެއްޗެއްކަން. އާސަންދަ އަކީ މިއީ އޮންނަންޖެހޭ އެއްޗެއްކަން. އަދި ކޮންމެ ރައްޔިތަކަށް ވެސް  ބޮޑު ސިންގާ ދައުލަތަކާއި، ސަރުކާރުގެ ކެބިނެޓަކާއި ރައީސޫލްޖުމްހޫރިއްޔާ އަށް ސަލާންޖަހަން ނުޖެހި ކިޔު ހަދަން ނުޖެހި ހައްގުތަކެއް ވާކަން އެނގުނީ އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމަށް އައީމަ" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރައްޔިތުންނަށް އަދިވެސް މި އުޅެނީ ހުދުމުހުތާރުކަމުން ސަލާމަތް ނުވެވިގެން ކަމަށާއި އޭގެ މޫތަށް ދައުލަތުގެ ތެރެއަށް ވެސް ފެތުރިފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ބައެއްގެ އެއްބައިވަންތަ ކަމާއެކު ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ގެންނަވާފައި ބައެއް ޕާޓީތަކުގެ މިސްރާބު އެހެން ދިމާލަކަށް ގޮސްފައިވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

"އެމަނިކުފާނު އެ މަގާމަށް ގެންނަވާފައި މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަބްދުއްރަހީމު މެން ކިހިފަތް ދަށަށް ގެނެސްފައި، ރައީސްގެ ފިޔަކޮށަން ނިކުތީމަ އަޅުގަނޑުމެންނަށް އެކަން ބަލައެއް ނުގަނެވޭނެ. ޕާޓީ ފިކުރާއި ޕާޓީ ސިޔާސަތު އަންނަނީ އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުން ހިމަޔާތްކޮށްފައި" އަލީ ވިދާޅުވިއެވެ.