Last Updated: June 10, 09:21
Wednesday, June 10, 2026
މުނިފޫހިފިލުވުން

މަދުރުގެ އާ ފިލްމަކީ މިއުޒިކަލްއެއް

ތަފާތު ދާއިރާތަކުގެ ހަގީގަތްތައް ސިނަމާތަކަށް ގެނެސް ދިނުމަށް މަޝްހޫރު ބަންދާރުގެ އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ޓީ ސީރީސް އާ ގުޅިގެން މި ފަހަރު އޭނާ ގެނެސްދޭ ފިލްމް ބިނާކޮށްފައި ވަނީ މިއުޒިކަލްއެއްގެ މައްޗަށެވެ.
އެހެންވެ އަޑުތައް އިވޭ ގޮތުން މި ފިލްމްވެގެން ދާނީ ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީ އާއި ކޮރިއޯގްރަފީ ދާއިރާގައި ހުރި "ނޭނގޭ" ވާހަކަތަކެއް ގެނެސްދޭ ފިލްމަކަށެވެ.

މީގެ ކުރިން އޭނާ ގެނެސް ދީފައި ހުރީ މުޅިން ވެސް އެކަހަލަ ފިލްމްތަކެވެ. އޭގެ ތެރޭގައި މަދުރު އެންމެ ފަހުން ޑައިރެކްޓް ކުރި "ހެރޮއިން" ގައި ދައްކުވައި ދީފައި ވަނީ ބޮލީވުޑްގެ ފިލްމީ ބަތަލާއެއްގެ "ކަޅު" ހަޔާތެވެ.
އޭގެ ކުރިން އޭނާ ގެނެސް ދިން "ފެޝަން" އަކީ އިންޑިއާގެ މޮޑެލިން ދާއިރާގައި "އަނދިރި ފަރާތް" ހާމަކޮށް ދީފައިވާ ފިލްމެކެވެ.

މީގެ އިތުރުން "ޓްރެފިކް ސިގްނަލް" އާއި "ކޯޕަރޭޓް" އަށް ބެލި ނަމަވެސް އެ ދެ ފިލްމަކީ ވެސް އިންޑިއާގެ ހަގީގީ ކުލަ ގެނެސް ދީފައިވާ ދެ ފިލްމެވެ.

މަދުރުގެ އާ ފިލްމާ ބެހޭ ގޮތުން ޓީ ސީރީސްގެ ފަރާތުން ވާހަކަ ދެއްކި ބުޝާން ކުމާރު ބުނީ އެ ފިލްމް އަދި އޮތީ ސްކްރިޕްޓިން ސްްޓޭޖްގައި ކަމަށެވެ. އެހެންވެ ފިލްމާ ބެހޭ ގޮތުން އަދި އެއްވެސް ތަފުސީލެެއް ދެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެ ފިލްމް ބިނާވަނީ މިއުޒިކަލްއަކަށް ކަމަށް ބުޝަން ވެސް ކަށަވަރުކޮށް ދިނެވެ.

"ފިލްމްގެ މަސައްކަތް އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ. ފިލްމުގައި ބޮޑު ސްޓާ ކާސްޓެއް ހިމެނޭނެ. އެކަންތައްތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ،" ބުޝަން ބުންޏެވެ.