Last Updated: May 8, 09:08
Wednesday, May 8, 2024
ޚަބަރު

ނަޝީދު ޔާމީނަށް: ރައްޔިތުން ނޫނެކޭ ބުނެފި، ދެން މަޑުން ހުންނަވާ!

ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ދެން މަޑުން ހުންނެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލުކުރުމާ އެކު ޔާމީން މިހާރު ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ.

މިރޭ މާލޭގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވިއިރު އެންމެ ގާތް ބޭފުޅުން އެމަނިކުފާނު ސިފަކުރެއްވީ ވަރަށް "ގަޓު ރައީސް" އެއްގެ ގޮތުގައި ކަމަށާއި އެގޮތުން ގަޓުކަމުން ޔާމީން ފުރަތަމަ ވެސް ކުރެއްވި ކަމަކީ އަމިއްލަ ބޭބޭފުޅު ޖަލަށްލެއްވުން ކަމަށެވެ.

"ދެން ގަޓު ކަމުން ގޮސް ތިމާއަށް އަމިއްލަ ބޮޑުބޭބެ ކިޔާ ދަރިފުޅު ޖެހިގެން އިން ގޮޅީގައި ބެހެއްޓީ. ދެން ގަޓު ކަމުން ގޮސް ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ގެންގޮސް ހިފާ ހައްޔަރުކުރީ. ޔާމީންގެ ހުދުމުހުތާރު ބާރު އެއްކުރުން ދިވެހިން ބަލައެއް ނުގަތް. އެހެންވެ ޔާމީނަށް ނޫނެކޭ ބުނީ" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ހަމަނޭވާ ލެވެން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ޔާމީން ވިދާޅުވެފައިވާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދަންނަވާން އޮތް ވާހަކަ އަކީ މަނިކުފާނޭ، މަނިކުފާނަށް ނޫނެކޭ ވަރަށް ބޮޑަށް ރާއްޖޭގެ ރައްޔިތުން ބުނެފިޔޭ. ދެން މަނިކުފާނު މަޑުމަޑުން ހުންނަވާށޭ. ނޭވާ ހައްޓަކަށް ނުފެތިގެން އުޅުއްވާނެ ކަމެއް ނެތޭ. އަޅުގަނޑުމެނެއް މަނިކުފާނެއް ބޭނުމެއް ނޫނޭ. މިތަނަށް ވަޑައިގެން ނޫޅުއްވާށޭ. ތިކަމާއިގެން ދެން އުޅުއްވާނެ ކަމެއް ނެތޭ" ނަޝީދު ވިދާޅުވިއެވެ.

ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ނަޒާހަތްތެރިވާނެ ކަމާއި އެޖެންޑާ 19 އަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.