Last Updated: April 25, 18:52
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އަށުތިރީސްވަނަބައި)

ބައްދަލުވުން ނިންމާލުމަށްފަހު ޝައުން އޭނާގެ ބަޔަށް ދިޔައެވެ. އޭނާއާއެކުގައި އޭނާގެ އެސިސްޓެންޓް ރައުހާވެސް ދިޔައެވެ. ރައުހާ ވަރަށް ތަފްސީލުކޮށް ޝައުންއަށް ކަންކަން އޮޅުންފިލުވައިދީ ހެދިއެވެ. ނިމިފައިވާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމުގެ ތަފްސީލުތައްދީ ހެދިއެވެ. ރައުހާގެ ހިތްހެޔޮކަމާއި އެހީތެރިކަމުގެ ސަބަބުން ޝައުން ވަރަށްބޮޑަށް ހިތްހަމަޖެހުނެވެ. އެންމެބޮޑު ހިތްހަމަޖެހުމެއް އޭނާއަށް ލިބުނީ އެންމެނާއި ވަކިން އެކަހެރި މާހައުލެއްގައި މަސައްކަތްކުރަން ލިބުމުންނެވެ. ސިންގަޕޫރުގައި މަސައްކަތްކުރިފަދަ ހިތްފަސޭހަ މާހައުލަކަށް ނުވީނަމަވެސް މިތަންވެސް އޭނާއަށް ވަރަށް ކަމުދެއެވެ. އޭނާ އެންމެ އުފާވީ އާއިން ނުފެންނަ ހިސާބުގައި މަސައްކަތްކުރަން ޖެހުމުންނެވެ. އާއިންއާ ވީހާވެސް ދުރުގައި އުޅެން އޭނާ ބޭނުމެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދެއެވެ. އެއްއޮފީހެއްގައި މަސައްކަތްކުރި ނަމަވެސް ޝައުންއާއި އާއިން ދިމާވަނީ ވަރަށް މަދުންނެވެ. އެހެންކަމުން އެދެމެދުގައި އުފެދިފައިވާ ދުރުކަން އަދިވެސް އެގޮތުގައި އޮތެވެ. ކޮންމެވެސް މުހިއްމު ކަމަކު ނޫނީ ދެމީހުންކުރެ މީހަކު ފޯނުންވެސް ގުޅާނުލައެވެ. އެފަދަ ވަގުތެއްގައިވެސް އެގުޅި ބޭނުމެއް ފުދުމުން ފޯނު ކަނޑާލައެވެ. ގިނަ ފަހަރަށް ފޯނުކަނޑާލަނީ ޝައުންއެވެ. އެހެންކަމުން އާއިން އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ބުނެވޭގޮތެއް ނުވެއެވެ. ޝައުން ހަމަ ގަސްތުގައި އާއިންއާ ދުރުދުރުން އުޅެނީކަން އޭނާއަށް އިހުސާސްކުރެވުމުން ޚުދު އޭނާވެސް ޝައުންއާ ދުރުން އުޅެވޭތޯ މަސައްކަތްކުރިއެވެ. އަދި ވީހާވެސް ގިނަވަގުތު ފަރަހަނާޒްއާއެކު ހޭދަކުރަން ފެށިއެވެ. އެހެންކަމުން އޮފީހުގެ ރަސްމީގަޑި ނިމޭތަނުން އޭނާ ގެޔަށްދެއެވެ. ކުރިޔާ ޚިލާފަށް އާއިން އަވަހަށް ގެޔަށް އަންނާތީ ފަރަހަނާޒް ސުވާލުވެސް ކުރިއެވެ.
" ނާޒް ބޭނުންވަނީ އަހަރެން އަބަދު އޮފީހުގަ އުޅެންތަ؟….ހަމަ ބުނަނިކޮށް ނިދުންވެސް އޮފީހަށް ބަދަލުކޮށްފާނަން…އޯކޭ؟.." ފަރަހަނާޒްގެ އެސުވާލަށް އާއިން ޖަވާބުދިނީ ސަމާސާއަކުންނެވެ.

އަނެއްކޮޅުން ޝައުންގެ ހިތުގައި އާއިންއަށްޓަކައި އޮތް އިހުސާސަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަމިއްލަ ހިތުގެ މައްޗަށް އޭނާގެ އެއްވެސް ބާރެއް ނުފޯރުވޭ ފަދައެވެ. އާއިންއާއި ދުރުގައި އުޅުމަށް ހިތާހިތުން އަޒުމް ކަނޑައަޅައިގެން ހުރި ނަމަވެސް އާއިން ފެންނަ ހިސާބުގައި އުޅެން ޖެހުމުން އެއަޒުމަށް ނޭނގި ނަމަވެސް ގުޑުން އަރަމުންދިޔައެވެ. އޮފީހުގައި އުޅޭވަގުތު ތަކުގައި އާއިން ދެކިލާހިތުން ތިރިޔަށް ދިއުމަށްވެސް ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ނަމަވެސް އަމިއްލަ ހިތުގެ މޮޔަކަމަށްޓަކައި ހަމްދަރުދީގެ އާހެއް ބޭރުކޮށްލުމަށްފަހު އޭނާ އެހިތުގެ އެދުން ރައްދުކުރަނީއެވެ.

**** އެއްމަސް ފަސް****

ކުއްލިގޮތަކަށް ބޯޑްމީޓިންއެއް ބާއްވަން ޖެހޭކަމަށް ބައްޕަ ބުނުމުން އާއިން ތައްޔާރުވަމުން ދިޔައީ ބައްދަލުވުމުގައި ބައިވެރިވުމަށެވެ. ބައްދަލުވާ މާލަމަށްދިޔައިރު އެންމެންތިބީ އާއިންގެ އިންތިޒާރުގައެވެ.

" ތަންކޮޅެއް ލަސްވީތީ މާފުކުރޭ…" އާއިން ގޮނޑީގައި އިށީއްނަމުން މާފަށްއެދުނެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު މޫނުތަކަށް ނަޒަރުހިންގާލި ވަގުތު އާއިންގެ ބުމަގޮށްޖެހިގެން ދިޔައީ ސަލީމްގެ ގާތުގައި އިން އަދްޔަން ފެނުމުންނެވެ. އޭނާ މިތަނުން ފެނިދާނެކަމަކަށް ފަހަރެއްގައިވެސް އާއިން ހީކޮށްފައެއްނެތެވެ. އާއިންއާއި ހަތަރުކަޅި ހަމަވީ ވަގުތު އަދްޔަންގެ މޫނުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. އާއިންގެ ފަރާތުން އޭނާގެ ކުރި ވިޔާނުދާ ކަންތައް މީހަކަށް އެނގޭކަށް އޭނާ ނޭދެއެވެ. އެބިރުވެރިކަން ހިތުގައި އޮތުމާއި އެކުވެސް އޭނާ ނުހަނު ހިތްހެޔޮކަމާއި މައުސޫމުކަން މޫނުން ދައްކައިގެން އިނދެ އާއިންއަށް ހިނިތުންވެލިއެވެ. އާއިން ދެބުމަ ކައިރިކޮށްލަމުން ދަތްކުނޑިވިކާލިއެވެ. މިފަދަ ވިޔާނުދާމީހަކު މިބައްދަލުވުމުގައި ބައިވެރިކުރީތީ އޭނާއިނީ ސުވާލު އުފެދިފައެވެ.

" މިއިންނެވީ އަދްޔަން…ސަލީމްގެ ދޮށީ ފިރިހެންދަރި…" އާޒިމް އަދްޔަން ތަޢާރަފުކޮށްދިނެވެ. އަދި އަދްޔަން ކުންފުންޏާއި ގުޅުމަށް ޝައުޤުވެރިވާތީ އޭނާއަށް ދޭނެ މަޤާމަކާމެދު މަޝްވަރާކުރެވި ކުންފުނީގެ އެސިސްޓެންޓް މެނޭޖަރގެ މަޤާމު އޭނާއަށް ދިނުމަށް އެއްބަސްވެވުނެވެ. އޭނާގެ ކިބައިގައި އެކަމުގެ ޤާބިލުކަން ހުރިކަމުގައި ބޯޓްގެ ހުރިހާ މެމްބަރުންނަށްވެސް ފެނުމުން އޭނާއަށް އެމަޤާމު ހަމަޖެހިގެން ދިޔައެވެ.

" ބައްޕާ….މަޤާމަށް އިއުލާންވެސް ކުރަން ޖެހޭނެއްނު…" އާއިންއަށް ހިމޭނުން ނީދެވިގެން ބުންޏެވެ.

" އިއުލާންވެސް ކުރާނަމޭ…..އެކަމު އަހަރެމެން ހޮވާނީ އަދްޔަން އެކަނި….މިއީ ކުރިންވެސް އަހަރެމެން ކަންކުރަމުން އައިގޮތް…..މަޤާމަށް ކުރިމަތިލާމީހާއަކީ ހުރިހާގޮތަކުންވެސް ޤާބިލްމީހެއްކަން ޔަޤީންވާމީހަކު ނެގީމަ އަހަރެމެންނަށް ފައިދާވާނީ….." އާޒިމް ވަރަށް ސާފުކޮށް އޮޅުންފިލުވައިދިނެވެ.

ތެދެކެވެ. ޝައުންއަށްވެސް ވަޒީފާދިނީ ހަމައެއުސޫލުންނެވެ. ނަމަވެސް އަދްޔަންފަދަ ގޮތްކުޑަމީހަކަށް އެކުންފުނިން ވަޒީފާދިނުމަކީ އޭނާ އެއްގޮތަކަށްވެސް ރުހޭނެކަމެއް ނޫނެވެ. ޚުދު އާޒިމްއަށްވެސް އަދުޔަންގެ ވިޔާނުދާކަން އެނގޭނަމަ އޭނާ އެތާނގައި އެންމެ ހިނދުކޮޅަކުވެސް ނުބައިންދާނެކަން އާއިންއަށް އެނގެއެވެ. އެންމެގެ މެދުގައި އާއިންގެ ނުބައިކަން ހާމަކުރަންވެސް އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނާ ބައްޕައަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ހިމޭނުންއިނެވެ. ފަހުން ބައްޕައާ އެކަނި އެކަމާ ވާހަކަދެއްކުމަށް އޭނާ ނިންމިއެވެ.

ބައްދަލުވުން ނިންމާފައި ނުކުން ވަގުތު އަދްޔަންގެ މޫނުމަތިން އާއިންއަށް ފެނުނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާގެ މޫނުގައިވާ ކުލަވަރުންވެސް އޭނާ މިކުންފުންޏާއި ގުޅުނު މަޤުސަދު ރަނގަޅުނޫންކަން އާއިންއަށް ދޭހަވިއެވެ. އަދިވެސް އޭނާގެ ހިތްނުފުރެހީ ހެއްޔެވެ؟

" ހައި އާން….އަހަރެންނަށް މަރުޙަބާވެސް ނުކިޔާނަންތަ؟…" އާއިންއާއި ގާތަށް ޖެހިލަމުން އަދްޔަން ބުނެލިއެވެ.

" ކަލޭ ހީނުކުރާތި މިތާއެތެރޭގަ ކަލޭ ބޭނުންހާ ގޮތަކަށް އުޅެވިދާނޭ….މިވަގުތު މަޑުން ހުއްޓަސް އަހަރެން އަބަދަކު މިގޮތަކަށް ނުހުންނާނަން…..އެރޭ އަހަރެންކޮށްލި ވަރު ކުޑަވެގެންތަ އަނެއްކާ މަގޭ ކުރިމައްޗަށް ތިއައީ؟…" އާއިން ރުޅިވެރިކަމާއެކު ބުނެލިއެވެ.

" އާން….ހަމަޖެހިބަލަ!…އަހަރެން މިއީ ތިހީކުރާކަހަލަ ވިޔާނުދާ މީހެއްނޫނެއްނު….އާންއަށްވެސް އެކަން އެނގެއެއްނު….އެރޭއެގޮތަށް ދިމާވީ ޝައުން ކަންތައްކުރިގޮތުން….އަހަރެން ވަރަށްރީތިކޮށް އޭނައާ ވާހަކަދެއްކީ…އެކަމު އޭނަ އަހަރެން ރުޅިއަރުވާލީ….ކުޑަމިނުން އަހަރެން ދަންނަކަމަށްވެސް ނުހެދި…..އެކަމުގެ ބަދަލުވެސް އަހަރެންނަށް ލިބުނެއްނު….ދެން އެކަން އެނިމުނީނު….ޕްލީޒް އެކަން ހަނދާން ނައްތާލާފަ ތަންކޮޅެއް ހަރުދަނާކޮށް ވިސްނަބަލަ!…އަހަރެންމީ އެއަދްޔަންއޭ ހީނުކޮށް ހަމައެކަނި ކުންފުނީގެ މުއައްޒަފެކޭ ހީކޮށްލަބަލަ!…." އާއިންއަށް ވިސްނައިދޭ ކަހަލަ ރާގަކަށް އަދްޔަން ވާހަކަ ދެއްކިއެވެ. އާއިންއާއި އަދްޔަން ވާހަކަ ދައްކަން ތިބި މަންޒަރު ފެނުމުން އާޒިމްއާއި ސަލީމު އުފާވިއެވެ.

" ބުނަން އަދްޔަން….އަހަރެން އެންމެ ފަހަރަކު ބުނާނީ….ދެވަނަ ފަހަރު ބުނާކަށް ނުހަދާނަން….އަހަރެންނަށް ވަރަށް ރަނގަޅަށް ކަލޭގެ މަޤުސަދު އެނގޭ…އެހެންވީމަ މިބުނަނީ ވިސްނައިގެން އުޅޭތި…އެހެންނޫނީ ކުރިން ލިބުނު ބޮނޑިއަށްވުރެ ބޮޑު ބޮނޑިއެއް އަހަރެންގެ ފަރާތުން ލިބިދާނެ….ފުރަތަމަ ދުވަސްވީމަ މިބުނަނީ…." އާއިން އިންޒާރެއް ދިނުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި އެތަނުން ދިޔައެވެ.

" ކޮބާ ހާދަ އަވަހަކަށް ދެކުދިން ކޮންހާ މަޝްވަރާއެއް ތިކުރީ؟…" އަދްޔަންގެ ގާތަށް އައިސް ސަލީމް އެހިއެވެ.

" ހަމަ ކުންފުނީގެ ކަންކަމުގެ ވާހަކަ މިދެއްކީ….އާން މާބޮޑަށް ބިޒީކޮށް އުޅޭތީ އެހެން ފަހަރަކުން ވާހަކަ ދައްކާނަމޭ ބުނެފަ އެދިޔައީ…" އަދްޔަން ވަރަށް ހަމަޖެހިލައިގެންހުރެ އޭނާގެ ބައްޕައަށް އޮޅުވާލިއެވެ.

އާއިން އޭނާގެ ކޮޓަރިއަށް ދިޔައިރުހުރީ މުޅިން މޫޑްއޮފްވެފައެވެ. އެހެންކަމުން އޭނާ ކޮފީއެއް ބޯލައި ހަމަޖެހިލެވޭތޯ މަސައްކަރްކުރިއެވެ. ޝައުންއަށް އަދްޔަންގެ ޚަބަރު ލިބުމުން ޖެހިލުންވެ، ރުޅިއަންނާނެވަރުވެސް އޭނާއަށް އެނގެއެވެ. ޝައުންއަށް އަދިވެސް އަދްޔަންއަކީ ކާކުކަން އޭނާ އޮޅުން ފިލުވައެއް ނުދެއެވެ. އޭނާ ހީކޮށްގެން ހުރީ އަދްޔަންގެ ސަފްހާ އެހާހިސާބުން ނިމުނީ ކަމަށެވެ. ނަމަވެސް ކަންތައް މިވީ އޭނާ ހީކުރިގޮތާ ޚިލާފަށެވެ. އަނެއްކާވެސް އަދްޔަންއާ އޭނާއާ ދެމެދުގައި ހަނގުރާމައެއް ހިނގަން ނުޖެހި ނުދާނެކަމުގައި އޭނާގެ ހިތް ބުނެއެވެ.

ޖެހިގެން އައި ހަފްތާގައި ހުރިހާ މުއައްޒަފުންނަށް ބައްދަލުވުމެއް ބޭއްވުމަށްފަހު، އަދްޔަން އެކުންފުންޏާ ގުޅުނުކަން ރަސްމީކޮށް އިއުލާން ކުރެވުނެވެ. އެބައްދަލުވުމުގައި ޝައުންއަށް އަދްޔަން ފެނި އެއީ ކާކުކަން އެނގުނު ވަގުތު އޭނާގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އަދި އައިރާގެ ކައިވެނީގެ ހަފްލާތެރެއިން އަދްޔަން އޭނާއާ ދިމާކުރި ސަބަބުވެސް ވަރަށް ރަނގަޅަށް އޮޅުން ފިލިއެވެ. އަދްޔަން އެއޮފީހުގައި މަސައްކަތްކުރާނެކަން އެނގުމުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަދްޔަން އެހާކުއްލި ގޮތަކަށް އެކުންފުންޏާއި ގުޅުނު ސަބަބާމެދުވެސް ހިތުގައި ސުވާލު އުފެދުނެވެ. ޝައުންގެ މޫނަށް އަރާފައިބަމުންދާ ކުލަތައް ބަލަންއިން އާއިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

ބައްދަލުވުން ނިމުމުން އާއިން އާއި ޝައުންނަށް ނުކުމެވުނީ ދާދި އެކުއެކީގައެވެ. އެވަގުތު ޝައުން އާއިންއާ ދިމާއަށް ބަލާލިގޮތުން ޝައުން ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް ދޭހަވިއެވެ.

" ހިނގާބަލަ އަހަރެންނާއެކު…." ޝައުންއަށް ބަލާލަމުން އާއިން އެދުނެވެ. އާއިންގެ ފަހަތުން ޝައުންދާ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައިހުރި އަދްޔަން އެއްމިޔަކަނުން ހީލިއެވެ. އޭނާގެ ހީކުރިގޮތާއި ޚިލާފަށް އެތަނުން އެކަކުވެސް އޭނާގެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނާކަން އޭނާއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

" ޝައުން އެހާކަންބޮޑު ނުވެބަލަ!…މިތާ ހަމަޖެހިގެން އިށީނދެ ބަލަ!.." އާއިންގެ ކޮޓަރިއަށް ވަދެވުމާއެކު އާއިން ބުންޏެވެ. ޝައުން މަޑުމަޑުން ގޮސް އާއިންގެ ކުރިމަތީގައިވާ ގޮނޑީގައި އިށީނެވެ.

" އާން…އެކަމު އޭނާ ކީއްވެތަ މިތަނަށް އެއައީ؟….އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އެއީ އެއްކަލަ އަދްޔަން ކަމަކަށް…..އޭނަ ކިހިނެއް އެހާބޮޑަށް ބަދަލުވީ؟…އަހަރެންނަށް އޭނަ ވަކިކުރާކަށްވެސް ނޭނގުނު…..އޭނަ އެހުރީ ނުރައްކާތެރި ދަރަޖައަކަށް ބަދަލުވެފަ….އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ….އަހަރެން ވަރަށްބިރުގަނޭ އެބަ…" ޝައުން ހާސްވެފައި އޭނާގެ ކަންބޮޑުވުނެ ފާޅުކުރިއެވެ.

" ބިރުނުގަނޭ….އަހަރެން ހުއްޓާ އޭނައަށް އެއްވެސް ކަމެއްކުރާކަށް ނުކެރޭނެ….އަހަރެން ވަރުގަދަ އިންޒާރެއްވެސް ދީފައޮންނާނީ….މާކަންތައް ބޮޑުކުރަންޏާ ބައްޕަގާތު ބުނެގެން އޭނަ މިތަނުން ނެރޭނަން…" އާއިން ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

" ބޮޑުބޭބެގާތު މިހާރު ބުނަންވީނު….ފަހުން ބުނަން ހުރެގެން މާބޮޑު ގެއްލުމެއްވެސް ވެދާނެ…." ޝައުން އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.
" އަސްލު ބައްޕައާއި ސަލީމްބެއާމެދު ވިސްނާފަ އަހަރެން މަޑުން މިހުންނަނީ….ސަލީމްބެއަކީ ބައްޕައަށް ވަރަށް ވަފާތެރި ވަރަށް ރަނގަޅުމީހެއް…..އެހެންވީމަ ސަލީމްބެއަށްޓަކާވެސް އެއްފުރުސަތު އަދްޔަންއަށް އަހަރެންދޭނަން….އެކަމު އޭނަގެ ފަރާތުން ކިތަންމެ ކުޑަކަމެއް ފެނުނަސް އަހަރެން މަޑަކުން ނުހުންނާނަން….އެހެންވީމަ ޝައުންވެސް ހާސްވާނެކަމެއްނެތް…ވީހާވެސް ބޮޑަކަށް އޭނަޔާ ދުރުގަ އުޅެވޭތޯބަލާ!….އޭނާ ކަމެއްކުރާނެ ކަހަލަ އެއްވެސް ފުރުސަތެއްދީގެން ނުވާނެ.." އާއިން ނަސޭހަތްތެރިވިއެވެ.

އާއިންގެ ހިތްވަރު ދިނުމުގެ ސަބަބުން ޝައުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން ވެއެވެ. އެރޭގެ ހަނދާންވެފައި އޭނާގެ ގައިން ހީބިހިނެގިއެވެ. މީގެފަހުން އޭނާ އުޅެންޖެހޭނީ ނުހަނު ވިސްނައިގެންނެވެ. އަދްޔަންގެ އައީ ކިހާބޮޑު ރޭވުމެއް ރާވައިގެންކަންވެސް ނޭނގެއެވެ.

ނުނިމޭ