Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ނައިބް ރައީސް ކަމުން ޖަމީލު ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރި މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ނައިބު ރައީސްކަން އޭނާ ވަކިކުރެއްވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި ނައިބު ރައީސްކަމުގެ މަގާމުން މީހަކު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ ގޮތްތަކާ ހިލާފަށް ކަމަށެވެ.

އަދި މިކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުމަކީ ރައްޔިތުން އިންތިހާބުކުރާ ރައީސް އާއި ނައިބު ރައީސްއާ މެދު ގޮތް ނިންމުމުގެ ބާރު ހަމައެކަނި މަޖިލީހުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ރިޝްވަތުގެ ތެރެއަށް ނުދިޔުން ކަށަވަރުކުރުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ދުރުކުރެއްވީ 2015 ވަނަ އަހަރުތެރޭގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށް ވޯޓް ދެއްވީ ދެ މެންބަރުންނެވެ.

މަގާމުން ވަކި ކުރެއްވި އިރު ޖަމީލު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ.

ޖަމީލަށްފަހު ދެން ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަހުމަދު އަދީބެވެ.