Last Updated: June 10, 09:21
Wednesday, June 10, 2026
ސިޔާސީ

"ހޯމް މިނިސްޓަރަކު ލަސްވަނީ ބޭފުޅަކު ކަނޑަނޭޅިގެން"

ހޯމް މިނިސްޓަރަކު އައްޔަން ނުުރެވިގެން އުޅެނީ އެކަމަށް އެންމެ އެކަށޭނެ ބޭފުޅަކު އަދި ފެނިވަޑައި ނުގަންނަވާތީ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ހޯމް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވިފައި ނުވި ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

އަދި އެ މިނިސްޓްރީން ހިންގެވުން ހަވާލުކޮށްފައި ވަނީ ވެސް ވަރަށް ގާބިލް ބޭފުޅަކާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޯލިޝަން ތެރެއިން ވެސް ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު އަދި ދައްކާފައި ނެތް ކަމަށެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޖަމީލް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމާ ގުޅިގެން، އޭނާ އެ މަގާމުން ވަކިކޮށް އެ މިނިސްޓްރީން ހިންގެވުން ހަވާލުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާ އެވެ.

ރައީސް ވިދާޅުވީ މުހިއްމީ ކޮންމެހެން މީހަކު ނޫން ކަަމަށާއި ކުރާ މަސައްކަތް ކަމަށެވެ.