ރައީސް ޑރ. މުހައްމަދު ވަޙިދު ހަސަން މަނިކު ގަމުގެ ވައިގެ ބަނދަރަު ތަރައްޤީކުރުމުގެ މަޝްރޫއު މިއަދު ހަވީރު އިފްތިތާހް ކޮށްދެއްވައިފި އެވެ.
ގަމުގެ ވައިގެ ބަނދަރުގެ އެރައިވަލް ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފްތިތާހު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ދެކުނުގެ ތަރައްގީ އަށް އެންމެ މުހިންމު މަޝްރޫއު ފެށުނު ދުވަސް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ދިގުކުރުމަށް ބޭނުންވާ ބިން ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިމެނޭކަމަށެވެ.
ސަރުކާރުގެ ގިނަ އިސް ބޭފުޅުންނާއި އެކު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީ އަކީ ހަމައެކަނި އެއާޕޯޓު ބޮޑުކުރުމެއް ނޫން ކަމަށެވެ.
އެގޮތުން އެއާޕޯޓް ތަރައްޤީ ކުރެވޭ އިރު ބޮޑެތި ބޯޓުތައް ޖެއްސުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ވެސް އެއާޕޯޓްގައި ގާއިމް ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގަމުގެ ވައިގެ ބަނަދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ކުއްލިއަކަށް ވި ކަމެއް ނޫންކަމަށާއި މި މަސައްކަތަކީ ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އަދި އެއާޕޯޓް ތަރައްޤީ ކުރެވޭ އިރު ސީ ޕްލޭން ބޭސް އެއް ހެދިގެން ގޮސް މި ސަރަހައްދުގެ ވިޔަފާރި ފުޅާވެގެންދާނެކަމަށް ރަައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި މި ސަރަހައްދުގެ ރިސޯޓްތަކަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކމަަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިދޭތެރެއިން މީޑިއާ ތަކުން އިވެމުންދިޔަ ސްރީލަންކަން އިން ގަމުން ދަތުރުފަށާ ވާހަކަ.ސަރުކާރަށް އެންމެ ފަހުން ފެނުނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ މޯލްޑިވިއަން ބޭނުންކޮށްގެން ސީދާ ދަތުރުތައް ބޭރަށް ފެށުން. އެގޮތުން މޯލްޑިވިއަން އިން އޯގަސްޓް ހަތްވަނަ ދުވަހު ފަށާ ގޮތަށް ވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުމެން އުޅުއްވަނީ ސިޔާސީ ކުޅިވަރު ކުޅެން ނޫން ކަމަށާއި އައްޑޫގެ ތަރައްޤީއަށް ދުވަހަކުވެސް ނުކުރާ ވަރުގެ ބޮޑެތި މަޝްރޫއުތައް މި ސަރުކާރުން ކޮށްދޭ ކަމަށެވެ.
އެގޮތުން އައްޑޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިއު އެސްސީ އާއި ހަވާލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަސްމީ ވެބް ސައިޓް ރައީސް ވަހީދު ވަނީ ލޯންޗްކޮށް ދެއްވާފަ އެެވެ.