ކަނޑުފޭރޭ ބަޔަކަށް ޖުމްހޫރީ ޕާޓީން ޖާގައެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިމިވަނީ ކަނޑުފޭރޭ ބަޔަކު ޖުމްހޫރީ ޕާޓީ ފޭރިގެންފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ދާދިފަހުން ވާހަކަދައްކަވާފައި ވަނިކޮށެވެ. އަލީގެ ފާޑުކިޔުން ޖޭޕީ އަށް އަމާޒުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއާ ކޮންގްރެސް ޕާޓީއާ ގުޅިގެން ވާދަކުރުމަށް ޖޭޕީން ނިންމުމާ ގުޅިގެންނެވެ.
ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނާއެކު މަޖިލިސް އިންތިހާބަށް ނިކުންނަވަން ޖޭޕީން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ ހެދިފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވުމުން ކަމަށެވެ.
އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ޖޭޕީން ގުޅުނީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީގެ ވަރަށް ގިނަ ކައުންސިލް މެމްބަރުން އެބަ ހިމެނޭ. އޭގެތެރެއިން ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ ތެރެެއަށް ވަދެއްޖެއޭ، އަޅުގަނޑު ދަންނަވަނީ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫނޭ. ކަނޑުފޭރޭ އެއްވެސް ބަޔަކު ނުވަދެއޭ. އަދި ނުވެސް ވަންނާނެ، ވަނަކަށް ނުވެސް ދޭނަމޭ" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ޕާޓީގެ ލީޑަރަށް ބާރު ނެތް ކަންތައްތަކެއް ކޮށްގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ގާސިމް ރޭ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ އެއީ ރަނގަޅު ވިސްނުންފުޅެއް ނޫން ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ތަންދޭ ގޮތަށް ބަލާއިރު އިހުތިޔާރު ނެތް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު މިކުރާ ކަމަކީ ޖުމްހޫރީ ޕާޓީ އަށް ވީހާވެސް ގިނަ މެމްބަރުން ލިބޭތޯއޭ. ޖުމްހޫރީ ޕާޓީގެ ހުރިހާ އާއްމު މެމްބަރުން ވެސް އުފާވާނެ ކަމެއް ހަމަގައިމުވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ގިނަ ޖުމްހޫރީ ޕާޓީތަކުގެ މެމްބަރުން ތަކެއް ތިބުން" ގާސިމް ވިދާޅުވިއެވެ.
މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމުން 24 ދާއިރާ އަކަށް ވާދަކުރުމަށް ނިންމާފައިވާއިރު ޖޭޕީން 41 ދާއިރާ އަކަށް ވާދަކުރެއެވެ. އަދި ޕީއެންސީން ވާދަކުރުމަށް ނިންމާފައިވަނީ 22 ދާއިރާ އަކަށެވެ.