Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ސަލްމާން ބިރުވެރި ފިލްމެއް ޕްރޮޑިއުސް ކުރަނީ

ވޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ބިރުވެރި ފިލްމެއް ޕްރޮޑިއުސް ކުރަން ތައްޔާރުވާން ފަށައިފިއެވެ.

ސަލްމާން ޕްރޮޑިއުސްކުރާ ބިރުވެރި ފިލްމްގެ ނަމަކަށް "އާދަމްޚޯރު" ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މިފަދަ ފިލްމެއް އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

ސަލްމާންގެ ހަޔާތުގައި ބިރުވެރި ފިލްމަކަށް އެކްޓް ކޮށްފައިވަނީ ވެސް އެންމެ ފަހަރަކުއެވެ. އެއީ ފިލްމް"ސޫރްޔަވަންޝީ"އެވެ. މި ފަހަރު އުފައްދާ ފިލްމުގައި އޭނާ އެކްޓް ކުރާނެކަމެއް އަދި ނުކުރާނެކަމެއް އަދި ނޭނގެއެވެ.

ދެން އެންމެ އަވަހަށް ސަލްމާން ފެނިގެންދާނީ އަލީ އައްބާސް ޒަފަރުގެ ފިލްމް"ބާރަތް" އިންނެވެ. އެ ފިލްމުގައި ސަލްމާން އާއެކު ހަރަކާތްތެރިވަނީ ކެޓްރީނާ ކެއިފް އަދި ދިޝާ ޕަޓާނީއެވެ. މީގެ އިތުރުން ސަލްމާންވަނީ ސަންޖޭލީލާ ބަންސާލީގެ ފިލްމް"އިންޝާﷲ"އަށް ވެސް ސޮއިކޮށްފައެވެ. އެ ފިލްމުގައި އަންހެން ތަރިއެއްގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓްއެވެ. އަދި މިވަގުތު ސަލްމާން ދަނީ އޭނާގެ ފިލްމް "ދަބަންގް" ޝޫޓްކުރަމުންނެވެ.