Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ރައްޔިތުން މާދަމާ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް ދޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އެމްޑީޕީ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.މަހިބަދޫ ދާއިރާ އަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން އިވެންޓެއްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާދަމާގެ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށާއި އެގޮތުން މާދަމާގެ ވޯޓަކީ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދައަށް އެނބުރި ދާނީތޯ ނުވަތަ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހު ރާއްޖެ އަށް ގެންނަން ރައްޔިތުން ބޭނުންވޭތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށެވެ.

"އަޅުގަނޑު މިކުރާ ދަތުރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ތިބި ގޮތް އަޅުގަނޑަށް ވަރަށް ސާފު. އިރާދަކުރެއްވިއްޔާ މާދަމާ ނަގާ ވޯޓަކީ ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ރާއްޖެ އިން އަނެއްކާވެސް ދޭނެ ވޯޓެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި ވަރަށް ގިނަ ބަޔަކު ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަމަށާއި އެގޮތުން ވޭތެވެދިޔަ ހަތް އަހަރުތެރޭ އުޅެން ޖެހުނީ ނާމާން ކަމެއްގެ ތެރޭގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ކޯލިޝަނެއް ހަދައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ކުރިމަތިލީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި އެގޮތުން އެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކުގައި އެންމެ އިސްކޮށް ހުންނެވި އަދާލާތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ އަށް ނުހައްގު އަނިޔާތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޒުމަކަށް ބަދަލެއް ނާދޭ. ޖަލުގައި އިންނަވައިގެން ވެސް އެމަނިކުފާނު (އިމްރާން) ކުރެއްވީ އިސްލާހީ މަސައްކަތް. މިއީ އާދައިގެ ކަމެއް ނޫން އެއްގޮތަކަށް ވެސް. އެހެންވީމަ އަޅުގަނޑު ހަމަގައިމުވެސް މިހުރީ ޝައިހް އިމްރާނާ އެކު" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މި ޖަލްސާގައި ރައީސް ސޯލިހު ވަނީ މަހިބަދޫގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވެސް އަދާލާތުގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި އަދާލަތަށް ދޭ ކޮންމެ ވޯޓަކީ މި ސަރުކާރަށް ދެވޭ ވޯޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.