Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ބޯދިގު ގޮނޑި ކާމިޔާބުކުރުމާއެކު ފާރިސް މަރުހަބާ ދަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަނގޮޅި އުތުރު ދާއިރާގެ ވަގުތީ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު(ބޯދިގު) ކުރި ހޯއްދެވުމުން، ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.

ނަތީޖާ ގުނާ ނިމި ބޯދިގު ރަޝީދު ކުރި ހޯއްދަވައި ފަރަގު ބޮޑު ކުރުމުން ފާރިސް ވަނީ އިންތިޚާބުން ބަލިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރަޝީދަށް މަރުހަބާ ދަންނަވައި، ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް މައުމޫންގެ ތާއީދާއެކު މާލެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި އާމިނަތު ނާދިރާވެސް ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. ނަމަވެސް ރައީސް މައުމޫންގެ ހަނގު ދަރިކަލުން، ޣައްސާން މައުމޫން ވަނީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.