Last Updated: March 28, 18:00
Thursday, March 28, 2024
ރިޕޯޓް

ޕީޕީއެމް، އިދިކޮޅި ޕާޓީގެ ގޮތުގައިވެސް ރައްޔިތުން ބަލައިނުގަތް!

ހދ. ކުޅުދުއްފުށި، 12 ނޮވެމްބަރ 2017 ފައި ބޭއްވި ޕީޕީއެމްގެ ހަވަނަ އަހަރީ ޖަލްސާ. ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަލިވީ އެތައް ހާސް ވޯޓެއްގެ ތަފާތުންނެވެ. ކުރުގޮތަކަށް ދަންނަވާނަމަ ބޮޑު ބައްޔަކުން ޔާމީން ބަލިވީއެވެ. އޭގެފަހުން އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކޮށް އެތައް ބަހަނާއެއް ދެއްކުމަށްފަހު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލްކޮށްފާނެ ކަމަށް "ހީކޮށްގެން"ނެވެ. ނަމަވެސް އެކަންވީވެސް ބޮޑު ބިލާހަކަށެވެ. ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލް ނުކުރުމުން ސަރުކާރަށް ފާރަވެރިވާނެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ.

މަޖިލިސް އިންތިޚާބު އިންސާފުވެރިކޮށް ބާއްވައިފި ނަމަ ބޮޑު ބައްޔަކުން ސަރުކާރު ބަލި ކުރާނެ ކަމަށް ވިދާޅުވަމުންދިޔައެވެ. ނަމަވެސް އެކަނި މަޖިލީހަށް ނިކުމެއްޖެ ނަމަ ރިޔާސީ އިންތިޚާބުގައި ދިމާވި ފަދައިން ބަލިވެދާނެތީ ދެން ފެނިގެން ދިޔައީ ރިޔާސީ އިންތިޚާބުގައި "މަހުޖަނު" "ސޭޓު" "ސަރުކާރާއި ރައްޔިތުންގެ ފައިސާ ނުދައްކާ ބޭފުޅާ"ގެ ނަމުން މުހާތަބު ކުރަމުންދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ސަނާ ކިޔަމުންދިޔަ މަންޒަރެވެ. ގާސިމަށް އޭރު ކީހާ އެއްޗެއްސަކީ ސިޔާސީ އޮއިވަރުގައި ޖެހިގެން ކިޔުނު އެއްޗެހި ކަމަށް ހަދާ އެކަން ހަނދާނުން ނައްތާލައި ގާސިމަށް ސަނާ ކިޔުމުން އިސާހިތަކު ގާސިމް ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ފަރާތްތަކަށް ގޮވަމުންދިޔަ ގޮވެލިފަތި ހުއްޓިއެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ފެނިގެންދިޔައީ ހަގީގަތުގައިވެސް ރައްޔިތުން ހީވެސް ނުކުރާ ފަދަ ކަމެކެވެ. ޕީޕީއެމްއިން ޖޭޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށް ޕީޕީއެމްއާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދު ކުރި މަންޒަރެވެ. މިހާ ހިސާބުން ރައްޔިތުން ސުވާލު އުފައްދަމުންދިޔައެވެ. އިންތިހާބު ކާމިޔާބު ކުރާނީ ކޮން ބައެއްތޯއެވެ. އެމްޑީޕީއަށް ހަމަ މެޖޯރިޓީ ލިބިގެން ހިނގައިދާނެ ހެއްޔެވެ.

ފޮޓޯ: ޕީއެސްއެމް

ރައްޔިތުން ކުރި ސުވާލާއި އުފެއްދި ސުވާލާއި ހިޔާލަށް އައި ހުރިހާ ކަމެއްގެ ޖަވާބު ރައްޔިތުން އަމިއްލައަށް މިދިޔަ ހޮނިހިރު ދުވަހު މިވަނީ ދީފައެވެ. ރިޔާސީ އިންތިހާބު ނިމި އޭގެ ހަމަސް ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރިޔާސީ އިންތިހާބަށްވުރެވެސް ބޮޑު ބައްޔަކުން ޕީޕީއެމްއާ ޕީއެންސީ ބަލިކޮށްލިއެވެ. ލަދުވެތި ގޮތަކަށެވެ. ދެން ދުވަހަކުވެސް ސިޔާސީ މައިދާނަށް ނުނިކުންނައްޗޭ ބުނާ ފަދަ ބީދައިންނެވެ. ޓްވީޓަރ ފަދަ ސޯޝަލް މީޑިއާގައި އެންމެ އަޑުގަދަކޮށް އުޅުނު ޕީޕީއެމްގެ މެންބަރުން ގެއަށް ވަންގޮތަށް ނުވެސް ނިކުންނަ ކަހަލައެވެ. ބަލި ގަބޫލުކޮށް ޓްވީޓު ކޮށްލި ގޮތަށް ބައެއް ބޭފުޅުންގެ އަޑެއް ބަޑެއްވެސް ނީވެނީއެވެ. ބައެއް ފަރާތްތަކުން ލަދުންވެސް އެއްޗެއް ބުނެލަން ނުކެރުނެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައިވެސް ޕީޕީއެމްއެއް ރައްޔިތުން ބަލައެއްނުގަތެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ 87 ދާއިރާގެ ތެރެއިން 46 ގޮޮނޑިއަށް ޕީޕީއެމް އަދި ޕީއެންސީ (ޕްރޮގްރެސިވް ކޯލިޝަން)އިން ވާދަކުރިއެވެ. އެއީ ޕީޕީއެމްއިން ވާދަކުރި 24 ދާއިރާ އަދި ޕީއެންސީން ވާދަކުރި 22 ދާއިރާއެވެ. ވަގުތީ ނަތީޖާ މިހާރު ދައްކާ ގޮތުން ޕީޕީއެމްއަށް ލިބުނީ އެންމެ ފަސް ގޮނޑިއެވެ. އެޕާޓީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނުވަތަ ކޯލިޝަން ޕާޓްނަރ ޕީއެންސީއަށް ލިބުނީ އެންމެ ދެ ގޮނޑިއެވެ. ދެޕާޓީ އެއްކޮށްލައިގެންވެސް މަޖިލީހުގެ 10 ޕަސެންޓުވެސް ނުލިބެއެވެ. މިއަށްވުރެ ބޮޑު ލަދެއް ނުވަތަ މިއަށްވުރެ ބޮޑު ނާކާމިޔާބީއެއް އޮންނާނެ ހެއްޔެވެ.

ޕީޕީއެމްގެ ލީޑަރުންގެ ސިޔާސީ ހަޔާތް ނިމުމަކަށް!؟

ޕީޕިއެމްއަކީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އެންމެ ފުރަތަމަ އުފެއްދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި ޖެހުނު މައްސަލަތަކާއި ގުޅިގެން ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ. އެމްޑީޕީ ނެގުމަށްފަހު ސިޔާސީ ގޮތުން އެންމެ ވަރުގަދަ އަދި އެންމެ ދޫ ފަރިތަ ބޭފުޅުން ތިއްބެވޭ މި ޕާޓީގައެވެ. ނަމަވެސް ސިޔާސީ ގޮތުން އުފެދުނު އެތައް މައްސަލަތަކާއި ގުޅިގެން ބައެއް ބޭފުޅުން މިޕާޓީ ދޫކުރައްވާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރާއި ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުންވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނަން މަޝްހޫރު ބައެއް ފަރާތްތަކުން ތިއްބެވެ. އަދި މި އިންތިހާބުގައިވެސް އެ ބޭފުޅުން ވާދަކުރެއްވިއެވެ. އެއީ ވިލިމާލެ ދާއިރާގެ މެންބަރ އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރ އަދި ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ކެލާ ދާއިރާގެ މެންބަރ އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން ޢަލީ އާރިފެވެ. މި ތިން ބޭފުޅުންވެސް މިފަހަރުގެ އިންތިހާބުގައިވީ ބައްޔެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޢަބްދުއްރަޙީމް ބަލިވީ އެންމެ ހަތް ވޯޓުގެ ތަފާތުންނެވެ. ނިހާން މިފަހަރު ވާދަކުރެއްވީ އޭނާގެ އުފަން ރަށް ތިނަދޫ ދެކުނު ދާއިރާއަށެވެ. ނިހާން ބަލިވީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުގެ އަތުން 400 ވޯޓުގެ ތަފާތުންނެވެ. އަލީ އާރިފް ބަލިވީ 216 ވޯޓުގެ ތަފާތުންނެވެ. މި ބޭފުޅުންގެ ތެރެއިން ސޯޝަލް މީޑިއާގައި ބަލި ގަބޫލުކޮށް ޓްވީޓެއް ކޮށްލެއްވީވެސް ނިހާން އެކަންޏެވެ. ދެން ތިއްބެވި ދެ ބޭފުޅުންގެ ޚަބަރެއް ދަބަރެއްވެސް ނުވެއެވެ. މިއީ ޕާޓީގެ ނަގާ ކޮޅަށް ޖަހަންތިބި މެންބަރުންނެވެ. މިއިން ބޭފުޅެއްގެ ގައިގައި މިފަދަ ހިތްވަރެއް ނެތެވެ.

ސުވާލަކީ ޕީޕީއެމްއިން މިހާބޮޑު ބައްޔެއް ވީ ކީއްވެގެން ހެއްޔެވެ. ސަބަބުތައް ކިތަންމެހާވެސް ބައިވަރެވެ. އޭގެތެރޭގައި އެންމެ ބޮޑު އެއް ސަބަބަކަށްވީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ޕީޕީއެމްއިން ޖޭޕީން ވާދަކުރާ ދާއިރާތަކަށް ވާދަނުކުރާން ނިންމުމެވެ. އަނެއް ކޮޅުން މިފަދަ ޢާއްމު އިންތިހާބެއްގައި ކެމްޕޭން ކުރުމަށް ފައިސާއަކީވެސް މުހިއްމު އެއްޗެކެވެ. ނަމަވެސް ޕާޓިގައި ފައިސާ ނެތްއިރު ޕާޓީގެ ލީޑަރުގެ ފައިސާތައް ހުރީވެސް ފްރީޒު ކޮށްފައެވެ. މިފަދަ އެތައް ސަބަބެއް އެބަހުއްޓެވެ. ނަމަވެސް ލިބިގެން މިދިޔަ ބޮޑު ބަލިން އަރައިގަތުމަށް ޕީޕީއެމްގެ ލީޑަރޝިޕުގައި ހިތްވަރު ހުންނަންޖެހެއެވެ. ރައްޔިތުން މިއަދު އިދިކޮޅު ފިކުރެއްގެ ގޮތުގައިވެސް ޕީޕީއެމްއާ ޕީއެންސީ ބަލައިނުގަތުމުން އެކަން ބަލައިގަތުމަށް ކުރަންހުރި މަސައްކަތް ކުރަންޖެހެއެވެ. އެއީވެސް ރައްޔިތުންނަށްޓަކައެވެ. ސަރުކާރަށް ފާރަވެރިވުމަށްޓަކައެވެ.