Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ކަރަންޓު ކަނޑާލައިފި

ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ކަރަންޓު ކަނޑުން: ފޮޓޯ- ޕީއެސްއެމް

ހދ. ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ޖަނަރޭޓަރު ސެޓުތަކުން ކަރަންޓު ކަނޑާލާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހދ. ނެއްލައިދޫ އިންޖީނުގޭގައި ހުރި 160 ކިލޯވޮޓްގެ ދެ ޖެނެރޭޓަރ ސެޓާއި 120 ކިލޯވޮޓްގެ ޖެނެރޭޓަރ ސެޓުން ކަރަންޓުގެ ޚިދްމަތް ދެމުން ގެންދަނިކޮށް މަދުބަޔަކު އިންޖީނުގެއަށްވަދެ ކޮންޓްރޯލް ރޫމް ދޮރުފަތް ހަލާކުކޮށް 3 ޖެނެރޭޓަރ ސެޓް ނިއްވާލައި މުޅި ރަށުން ކަރަންޓު ކަނޑާލައި، އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި ނުނިކުމެވޭނެ ގޮތަށް ދޮރުތަށް ބަންދު ކުރިކަމަށެވެ. ނަމަވެސް ފަހުން ފުލުހުން އެސަރަޙައްދުގައި ފަހުން ހަރަކާތްތެރިވިކަމަށް މައުލޫމާތް ލިބެއެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަކަށްވަތީ ހޫނު ގަދަވުމުން ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މެންދުރު ގަޑީގައި ހދ. ނެއްލައިދޫ އިން ކަރަންޓްގެ ޙިދުމަތް މެދުކެނޑެމުންދާކަމަށާއި މި ކަމަކީ އެކުންފުނިން ބަލަހައްޓާ ވަރަށް ގިނަ ބްރާންޗްތަކަށް މިދުވަސްކޮޅު ދިމާވަމުންދާ މައްސަލައެއްކަން ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ހދ. ނެއްލައިދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިދިޔަ މަހު ފަހުކޮޅުވެސް އެ ރަށަށް 120 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސް އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި އެ ބްރާންޗްގައި މިހާރު ހުރި 160 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓްތަށް އޯވަރހޯލް ކުރުމަށް ބޭނުންވާ ސްޕެއަރތައް ފޮނުވާ، އެ މަސައްކަތް މި ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.

މަދު ބަޔަކުވެގެން ހިންގި މިޢަމަލުގެ ސަބަބުން މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ، ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ. އަދި ޚިދުމަތް އިޔާދަ ކުރުމާއި ޚިދުމަތް މެދުކެނޑި ނުދިޔުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުވެސް ފެނަކައިން ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.