Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އެޖެންޑާ 19ގެ ގިނަ ކަންކަން މަޖްލިސްގެ ފުރަތަމަ ދައުރުގައި ނިންމޭނެ: ނަޝީދު

ރައީސް ނަޝީދު ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ، ފޮޓޯ: ޕީއެސްއެމް

އެޖެންޑާ 19ގައި ހިމެނިފައިވާ ގިނަ ކަންކަން 19 ވަނަ މަޖްލިސްގެ ފުރަތަމަ ދައުރުގައި ނިމޭނެކަމަށް މައްޗަންގޯޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މަޖްލިސް އިންތިހާބުގައި އެމްޑީޕީން ވިއްކި "އެޖެންޑާ 19" ގާނޫނީ އޮނިގަނޑުގައި ހިމެނޭ މުހިއްމު ގިނަ ބިލްތައް މަޖްލިސް ފެށުމާއި އެކު ހުށަހެޅިގެންދާނެކަަމަށެވެ. އަދި ފުރަތަމަ ދައުރުގެ ތެރޭގައި ގިނަކަންކަން ގާނޫނަށް ވެގެންދާނެކަމަށް ގަބޫލް ކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19ގައި ހިމެނެނީ މައިގަނޑި 5 ދާއިރާއެއް ކަމަށާއި، މަޖްލިސްގައި މިކަންކަން ތަރުތީބު ކުރެވިގެންދާނީ ވަކި ކަންކަމަށް ތަރުތީބު ކުރެވިގެންކަމަށެވެ. އެގޮތުން ގިނަކަންކަން އެއްފަހަރާއި ފެށިގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރައްޔިތުން އެންމެ ބޮޑަށް ތަހައްމަލް ކުރަންޖެހިފައިވާ އެންމެ ބޮޑު ދަތިކަމަށާއި އެކަމަށް ގާނޫނީ ހައްލެއް ވަރަށް އަވަހަށް ހޯދޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19ގައި ހިމެނޭ ބިލްތަކުގެ މަސައްކަތް ކުރިއަށްދާނީ ވަކިކަމެއް ނިންމުމަށްފަހު ދެން ހުރިކަން ފަށާ އުސޫލުން ނޫންކަމަށާއި އެއީ އެމްޑީޕީން މަސައްކަތް ކުރާ އުސޫލު ނޫންކަމަށެވެ. ނަމަވެސް އެމްޑީޕީން ކަންކުރާ އުސޫލަކީ ތަރުތީބު ކުރެވިގެން އެކި ފަރާތްތަކާއި ހަވާލު ކުރެވިގެން ކުރެވޭ މަސައްކަތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނީ ގިނަކަންކަން ހާސިލް ކުރުމަށްކަމަށާއި އެކަން އެމްޑީޕީން ކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ.