Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިންތިޚާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓީވީއަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، އެކަމަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި އަދި މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަސްލަމް އަކީ މަޖިލީހުގެ ރައީސް ކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ، ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން އަސްލަމް އާއި މަޝްވަރާކުރައްވާނެ ކަމަށާއި، އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރެއްޖެނަމަ، ދެން އޮންނާނީ ދެ ބޭފުޅުންގެ ދެމެދުގައި ކޮމްޕެޓިޝަނެއް ކަމަށާއި، އެކަމަށް އެއްވެސް ޖެހިލުމެއް ނެތި އަސްލަމް އާއި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދާއި މަޝްވަރާކުރައްވާނެ ކަމަށާއި، ނަމަވެސް އެއްވެސް ފަރާތަކުން ވިދާޅުވިޔަސް ރައީސް ކަމަށް ކުރިމަތިނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.