ކޫއްޑޫ ފިޝަރީޒްއިން އައްޑޫގައި ހަދާ ކޯލްޑް ސްޓޯރޭޖްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
ގަމުގެ ވައިގެ ބަނދަރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން މުޠައްލިބް ވިދާޅުވީ އައްޑޫގައި ގާއިމް ކުރާ އައިސްޕްލާންޓްގެ މަސައްކަތައް އިއްލާންކޮށް އެމަސައްކަތަށް ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ނިމި ކޯލްޑް ސްޓޯރޭޖްގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.
މުޠައްލިބް ވިދާޅުވީ އައްޑޫގައި އެ ކުންފުނިން ގާއިމްކުރުމަށް ނިންމާފައި ވަނީ 100 ޓަނުގެ އައިސް ޕްލާންޓަކާއި 1،000 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ކަމަށެވެ.
މުޠައްލިބް އަދި ވިދާޅުވީ އައްޑޫގައި ކޯލްޑް ސްޓޯރޭޖް ހަދާއިރު ދުވާލަކު 100 ޓަނުގެ މަސްގަނެ ޕްރޮސެސްކޮށް ރައްކާކުރެވޭނެ ނިޒާމަކާއި މަސްވެރިންނަށް ފަސޭހަކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން 250 މެޓްރިކް ތަނުގެ ތެޔޮ ރައްކާ ކުރެވޭނެ ނިޒާމްވެސް ގާއިމް ކުރާނެ ކަމަށެވެ.
މުޠައްލިބް ވިދާޅުވީ އައްޑޫގައި އެކުންފުނިން ކުރިއަށް ގެންދަނީ ބޮޑު މަޝްރޫއެއް ކަމަށެވެ. އެގޮތުން މަޝްރޫއު ނިމޭއިރު އައްޑޫން 300 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކޫއްޑޫ އާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް އެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޑީ މުއްތޮލިބު އެވެ.