Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކަރަންޓު ކެނޑޭތީ ނެއްލައިދޫގެ ޖަނަރޭޓަރުތައް އޯވަހޯލްކުރަނީ

ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ކަރަންޓު ކަނޑުން: ފޮޓޯ- ޕީއެސްއެމް

ނެއްލައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށުގެ ޖަނަރޭޓަރތައް އޯވަހޯލް ކުރުމަށްޓަކައި ފެނަކައިގެ ޓީމެއް މިހާރު ގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ މައްސަލަ ދިމާވެފައިވާ ޖަނަރޭޓަރ އޯވަހޯލް ކުރަން ފަށާނީ ރަށަށް ކަރަންޓު ދިނުމަށްޓަކައި ހުރި ޖަނަރޭޓަރު ގުޅާ ނިމުމުން ކަމަށެވެ. އަދި ޖެނެރޭޓަރުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ޖަނަރޭޓަރުތަކުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށާއި އެހެންކަމުން ރަށަށް ކަރަންޓު ދިނުމަށްޓަކައި އެރަށުގައި ހުރި 80 ކިލޯވޯޓުގެ ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ނެއްލައިދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދިޔަ ދެ ޖަނަރޭޓަރު އޯވަހޯލް ކުރުމަށް 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ. އަދި ޖަނަރޭޓަރު އޯވަހޯލް ކުރުމުގެ މަސައްކަތުގެ އިތުރުން އެރަށުގެ ކަރަންޓު ފޯރު ކޮށްދިނުމުގައި އެހެން މައްސަލަތަކެއްވެސް ދިމާވަމުންދާތީ އެކަންކަން ޙައްލުކޮށް ނެއްލައިދޫ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ގެނެވޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ނެއްލައިދޫއިން ރޭގެ ވަގުތެއްގައި އަނެއްކާވެސް މުޅިރަށުން ކަރަންޓް ކެނޑިފައިވާއިރު، ކަރަންޓު ދެވުނީ ރޭ ފަތިހު 4ގެ ފަހުންނެވެ. ނެއްލައިދޫއިން ރޭ ކަރަންޓު ކަނޑައިގެން ދިޔައީ އެރަށުގެ މަގުމަތީގައި ވަޅުލާފައިވާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.