Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

ރައީސް މައުމޫން ދެއްކެވި ވާހަކަތައް އޮޅުވާލާފައިވާތީ އެމްއާރްއެމްއިން އެކަން ކުށްވެރިކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް. ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މަޖިލިސް އިންތިޚާބުގެ ނަތީޖާއާއިމެދު ޝައްކު އުފައްދަވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކަކީ ދޮގެއް ކަމަށް ބަޔާން ކުރައްވާ އެކަން މޯލްޑިވްސް ރީފޯމް މޫވްމަންޓް(އެމްއާރުއެމް)އިން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށްފައި އެ ޕާޓީއިން ވަނީ ޕާޓީގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައެވެ.

"އެމްއާރްއެމްއިން މަޖިލިސް އިންތިޚާބުގެ ނަތީޖާ ބަލައިގަންނަމެވެ. އަދި މިރޭ ކެންޑިޑޭޓް އަދި ޓީމްތަކާއި ބައްދަލުކުރެއްވިއިރު އެކަމަށް ޝައްކު އުފައްދަވާފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރައީސް މައުމޫންގެ ވާހަކަފުޅު މާނަ އޮޅޭގޮތަށް ގެނެސްދީފައިވާތީ އެކަން ކުށްވެރިކުރަމެވެ." އެޕާޓީގެ ފަރާތުން ކޮށްފައިވާ ޓްވީޓްގައިވެއެވެ.

މައުމޫން ރޭ ސަޕޯޓަރުންނާއި އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރަން ކަމަށާއި ނަމަވެސް ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ އިންތިޚާބުގެ މާހައުލަކީ ނަޒާހަތްތެރި މަޖިލީހަކަށް ވެގެން ކަމަށް ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. އަދި "އެއާއި ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިޚާބެއްގެ ނަތީޖާ އަކީ ޙަޤީޤަތުގައި ތެދު ނަތީޖާ އަކަށް ނުވާނެ." މިފަދައިން މައުމޫން ވިދާޅުވެފައިވާ ކަމަށް ވެސް ނޫހެއްގައި ލިޔެފައިވެއެވެ.