Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ވޯޓު ފޮއްޓެއްގެ މައްސަލަ ބެލުމަށް އީސީގެ ޓީމެއް ކެންދޫއަށް

ބ. ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް ބާތިލް ކުރުމަށް އެމްޑީޕީއިން ހުށައެޅުމާއި ގުޅިގެން އިލެކްޝަންސް ކަމިޝަން(އީސީ)ގެ ޓީމެއް ކެންދޫއަށް ވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، އެމްޑީޕީން ކެންދޫގެ ވޯޓު ފޮއްޓެއްގެ މައްސަލަ އީސީއަށް ހުށައެޅީ އެ ފޮއްޓަށް ވޯޓުލީ މީހުންގެ އަދަދުތައް ދިމާނުވާ ކަމަށް ބުނެ އެ ފޮށި ބާތިލް ކުރުމަށެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެމްޑީޕީން ހުށައެޅި ކަންތައްތައް ބެލުމަށް ފަހު އެކަމިޝަނުން ނިންމީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށާއި ބުދަ ދުވަހު ތަހުގީގީ ޓީމް އެރަށަށް ދާނެ ކަމަށެވެ.

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ މިހާރު ވެސް އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ހުސައިންއެވެ.

އަލީ ހުސައިންގެ އިތުރުން އެދާއިރާއަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ރިޒާއެވެ.

ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު އަލީ ހުސެއިނަށް 286 ވޯޓު، އަހުމަދު ލަތީފަށް 66 ވޯޓު އަދި އަހުމަދު ރިޒާއަށް 141 ވޯޓު ލިބިފައިވެއެވެ.

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ ހުސައިނެވެ.