Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދޭނަން: ސަޢީދު

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ އަދަދު މަދަސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދޭނެ ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ މި ނަތީޖާ އެކު ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓާވާފައިވާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ތެރެއިން އެކަން ހުއްޓުވެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕީޕީއެމާއި ކޮންގްރެސް ޕާޓީން ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މި މަހު 6 ވަނަ ދުވަހު ވޭއްވުނު އިންތިޚާބުގައި އެމްޑީޕީން ވަނީ 86 ދާއިރާ އަށް ވާދަކޮށް، 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނީ 22 ގޮނޑި އެވެ. މީގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީން މަޖިލީހުގައި ތަމްސީލްކުރާނީ އަށް ގޮނޑި އެވެ.

އިންތިޚާބަށް ފަހު ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުއްދައާ އެކު ކަމަށެވެ. އޭގެ ކުރިން ކުރަން ޖެހޭ ކަމަކީ މި އިންތިހާބަށް އެޖެންޑާ 19 ގެ ތެރެއިން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ހިސާބުތަކުން ބަލާއިރު އެމްޑީޕީ އަށް ވުރެ ގިނަ ވޯޓު ލިބިފައި ހުރީ އިދިކޮޅަށް ކަމަށް ސައީދު ވިދާޅުވިއެވެ.
ލިބުނު ގޮނޑިތައް އެއްކައިރިކޮށް، ވޯޓުލީ އަދަދަށް ބަލާއިރު އިދިކޮޅު ޕާޓީތަކަށް ލިބުނު ވޯޓު، އެމްޑީޕީ އަށް ވުރެ ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ގޮތަށް ބަލާއިރު އެމްޑީޕީ އަކަށް ސުޕަ މެޖޯރިޓީއެއް ނުލިބޭ. ހިސާބުތަކުން ބަލާއިރު އެމްޑީޕީ އަށް ވުރެ ގިނަ ވޯޓު ލިބިފައި ހުރީ އިދިކޮޅަށް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީ ހިމެނޭ ގޮތަށް އިދިކޮޅަށް މި އިންތިޚާބު ގެއްލުނީ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާއި ބިރުދެއްކުންތަކާ ހެދި އެވެ.

ސަރުކާރު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ، ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދާނެ، އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ހުއްޓުވާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ޒިންމާ އަކަށް ވާނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

"ސަރުކާރު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ، ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދާނެ، އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ހުއްޓުވާނަން،" ސައީދު ވިދާޅުވި އެވެ.