Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރޯވި ގޭގައި ދިރިއުޅޭ 10 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ގ. ރެޑް ޕަރލްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެތަނުގައި ދިރިއުޅެމުންދިޔަ 10 މީހަކަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ރޭ ފަތިހު 03:45 ހާއިރު ހިނގި މި ހާދިސާގައި ގ. ރެޑް ޕަރލްގޭގެ ތިން ފަންގިފިލާ މީހުންނަށް ދިރި ނޫޅެވޭ ވަރަށް އަނދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމާއި އެމީހުންގެ ކެއުމުގެ ކަންކަންވެސް މިހާރުވަނީ ހަމަޖައްސާދީފަ ކަމަށެވެ.

އެއީ 5 އަންހެނަކަށާއި 4 ފިރިހެނަކަށާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށެވެ. އަދި އެމީހުން ދިރިއުޅޭނެ ވަކި ތަނެއް ހަމަޖެހެންދެން އެ ގެސްޓްހައުސްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ރޭ ފަތިހު ހިނގި މި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތް މީހަކަށް ވަނީ ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ. މިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށާއި، އެންމެންގެ ހާލުވެސް މިހާރު ރަނގަޅުކަމަށްޑިޒާޒްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.