Last Updated: June 10, 09:20
Wednesday, June 10, 2026
ސިޔާސީ

އައްޑޫ ވެގެން ދާނީ ތަރައްގީގެ މައި މަރުކަޒަކަށް: ޖަމީލް

ފޭދޫ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ޖަމީލް ރޭ ބޮޑު ދިދައެއް ނަންގަވައި ދެއްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ތާކުން މިހާތަނަށް ފެނިފައިވާ ނުވާ ފަދަ ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް އައްޑު އަށް ގެންނާނެ ކަމަށް އެ ޕާޓީގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ ފޭދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މި އަހަރު ގާއިމު ކުރެވޭ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ވެގެން ދާނީ ދެކުނު ސަރަހައްދުގެ ތަރައްގީގެ މައި މަރުކަޒަށް ކަމަށެވެ.

"އޮނަރަބަލް އަބުދުﷲ ޔާމީންގެ ވެރިކަން ވެގެން ދާނީ ފަހުގެ ތާރީހެއްގައި ދިވެހި ރާއްޖޭގެ އެއްވެސް ތާކުން ނުފެންނަ ފަދަ ތަރައްގީ އާއި ތަހުޒީބާއި އަދި ހަމަ އެއާ އެކީގަ މާލީ ތަނަވަސް ކަމާއި ފުއްދުން ތެރިކަން އައްޑު އަށް ގެނެސް ދޭނެ ފުރިހަމަ ވެރިކަމަކަށް އަޅުގަނޑުމެން ހަދާނަން،" ޑރ. ޖަމީލް ވިދާޅުވި އެވެ. "އެކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ތަރައްގީގެ އަމާޒުގައި ހިމެނިފައިވާ އެންމެ މުހިއްމު އެއް ދައުރަކީ އަޅުގަނޑުމެންގެ ތަރައްގީގަ މާލެއެކޭ އެއް ފަދައިން ތަރައްގީ ކުރާ ސަރަހައްދުތަކުގެ ތެރެއިން ދެކުނުގެ ސަރަހައްދުގެ ތަރައްގީގެ މައި މަރުކަޒަކަށް މި އައްޑޫ އަޅުގަނޑުމެން ހަދާނަން."

ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ވެރިކަން ވެެގެން ދާނީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭ ގޮތަށް ވެެރިކަން ކުރާ ފުރަތަމަ ވެރިކަމަށް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފާއި އަދުލުވެރިކަން ގާއިމު ކުރެވިފައިވާ ވެރި ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް އަދި ވިދާޅުވީ ޕީޕީއެމްގެ ވެރި ކަމެއްގައި ޒާތީ ތައައްސުބެއް ނުގެންގުޅޭނެ ކަމަށާއި ހުރިހާ ރައްޔިތުންގެ މެދުގައި ވެސް ކަންކަން ކުރެވެމުން ދާތީ ތަފާތު ކުރުމެެއް ނެތި ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ރައްޔިތުންގެ އިހުލާސްތެރި ތާއިދާ އެކު ޕީޕީއެމުން ކާމިޔާބްކޮށް ދައްކާނެ ކަމަށެވެ.