Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ފޮނަދޫ ދާއިރާގެ ވޯޓު އަލުން ގުނަން އެދިފައެއް ނުވޭ: އީސީ

އީސީގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: މިނިވަން ނިއުސް

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ.ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނަން އެދިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނަން އެދިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވެސް ރިޕޯޓުކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި އެއީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.

ފޮނަދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މޫސާ ސިރާޖުއެވެ.

އެގޮތުން ވަގުތީ ނަތީޖާ ދައްކާ ގޮތުން އަދުރޭ އަށް ލިބިވަޑައިގެންފައިވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގެންފައިވަނީ 1007 ވޯޓެވެ.

ވޯޓު ފޮށިތަކެއް އަލުން ގުނައިދިނުމަށް އެދުމުން އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ މާމިގިލީ ދާއިރާ އާއި މާވަށު ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނާފައެވެ. ނަމަވެސް ވޯޓު ފޮށިތައް ގުނުމުން ވެސް ނަތީޖާ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.