Last Updated: April 23, 11:10
Tuesday, April 23, 2024
ރިޕޯޓް

ރިޔާސީ އިންތިޚާބުގައި ވޯޓުދިން މީހުން ތިބީ ތިބި ގޮތަށް، ޕާޓީގެ ލީޑަރޝިޕް އެކަމަކު ހާވިޔާވެފައި!

ޕީޕީއެމްގެ އިސް ލީޑަރޝިޕުގެ ބޭފުޅުން ޖަލްސާއެއްގައި -- ފޮޓޯ / އަވަސް އޮންލައިން

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމި ފަސް ވަރަކަށް ދުވަސް ވެއްޖެއެވެ. އެންމެންވެސް ކުރަނީ އެއް ސުވާލެކެވެ. ޚާއްސަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ތާޢީދު ކުރައްވާ މީހުން ކުރަނީ އެއް ސުވާލުތަކަކެވެ. މިވީ ކީއްހެއްޔެވެ. ޕީޕީއެމްއަށް ނޫނީ ރައީސް ޔާމީން ތާއީދު ކުރެއްވި ކެންޑިޑޭޓުން ނުހޮވުނީ ކީއްވެހެއްޔެވެ. މި ސުވާލުތައް ރައްޔިތުން ކުރާއިރު އަދިވެސް ޕްރޮގްރެސިވް ކޯލިޝަނަކުން މިކަމަށް ރަސްމީ ޖަވާބެއް ނުދެއެވެ. އެއްވެސް އިސް ފަރާތަކުން މިކަމާ ގުޅިގެން ވާހަކައެއް ނުދައްކައެވެ. ދެއްކިއަސް ދައްކަނީ އެންމެ ވާހަކައެކެވެ. ފައިސާތައް ހުރީ ހިފަހައްޓާފައި ކަމަށެވެ. އެ ފައިސާތައް ލިބުނު ނަމަ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ވާހަކައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް މި އިންތިހާބާ ދިމާކޮށް ވަކިވެފައިވާއިރު އެންމެ ބޮޑު ޕާޓީ އެމްޑީޕީ މިދިޔަ ހޮނިހިރު ދުވަހު ނުކުތީ މަޖިލީހުގެ މެޖޯރިޓީ ހޯދާށެވެ. އިދިކޮޅު ޕީޕީއެމާއި އާއި ޖުމްހޫރީ ޕާޓީ އާއި ޕީއެންސީ ނުކުތީ އެމްޑީޕީއަކަށް އެކަން ވިޔަ ނުދޭށެވެ. އިންތިޚާބުގައި އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓަކު މި އިންތިޚާބުގައި ވާދަކުރިއެވެ. އަދި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުންނާއި އެމްޑީއޭގެ އަށް ކެންޑިޑޭޓުން ވާދަކުރިއެވެ. ޑީއާރްޕީގެ ފަސް ކެންޑިޑޭޓުން އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުން ވާދާ ކުރިއިރު ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ. އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރިއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / އަވަސް

ވޯޓުގެ ނަތީޖާ ނިކުމެގެން އައިއިރު އެމްޑީޕީން ދެކެމުންދިޔަ ހުވަފެން ބިލާހަކަށް ހެދުމަށް ނިކުތް މީހުން ދިޔައީ "ޗޮކުން"ނެވެ. ނުރަސްމީ ކޯލިޝަންގައި ނިކުތް ޖޭޕީއާ ޕްރޮގްރެސިވް ކޯލިޝަނަށް 15 ގޮނޑިވެސް ނުލިބުނެވެ. އަމިއްލަ ބައެއް ކެންޑިޑޭޓުންނާއި އެކީގައި ކިރިޔަ ކިރިޔާ 20 ހަމަވަނީއެވެ. ސުވާލަކީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުން މިހާ ބޮޑު ނާކާމިޔާބީއެއް އިދިކޮޅަށް ލިބުނީ ކީއްވެގެން ހެއްޔެވެ.

"އަސްލު ދަންނަވަންތޯ ހަމަ މެއިންޓެއިން ނުކުރެވުނީ. އެއީ ރިޔާސީ އިންތިޚާބުގައި ލިބުނު ދެރެޔާއި އެކީގައި އެކަމުން އަރައި ނުގަނެވިގެން އުޅެ، އިންތިޚާބުގެ ނަތީޖާވެސް ޤަބޫލު ނުކުރެވި ކޯޓަށް ދިއުމާއި މިފަދަ އެތައް ކަމެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން އައީ. އެހެންވެ ޕާޓީގެ ލީޑަރޝިޕަށް ޕާޓީ މެއިންޓެއިން ނުކުރެވުނީ،" ނަން ހާމަކުރަން ބޭނުން ނުވާ ޕީޕީއެމްގެ އިސް ބޭފުޅަކު އައްޑޫ ލައިވްއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ޕާޓީ މެއިންޓެއިން ނުކުރެވިގެން އުޅެނިކޮށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް "ދަމާ އެންމެ ފަހުން ޖަލަށްވެސްލީ"އެވެ. އެކަމުގެ އަސަރުވެސް ޕާޓިއަށް ވަރަށް ބޮޑަށް ކުރިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ނުކުރެވުނު ކަންކަން ޕާޓީގެ ތެރޭގައި ދެން ތިބި މީހުންނަށްވެސް ނުކުރެވުނީއެވެ.

ޔާމީނަށް ތާޢީދުކުރި ސަޕޯޓަރުންތަކެއް: ފޮޓޯ / ރައީސް އޮފީސް

"އަޅުގަނޑަށްވެސް ޚުދު ނުކުރެވުނު. ދެން ތިބި ބޭފުޅުންނަށްވެސް ނުކުރެވުނު. މިކަންކަން ކުރުމަށް ފައިސާވެސް ކޮންމެވެސް ވަރަކަށް އެބަ ބޭނުންވޭ. އެކަމަކު އެ ފައިސާވެސް އަސްލު ނެތް އަޅުގަނޑުމެންގެ އަތުގައި. މިކިޔަނީ މީހުންނަށް ފައިސާ ބަހާ ވާހަކައެއް ނޫން. ކެމްޕެއިންގެ ޚަރަދުތަކާއި ދަތުރުތައް ކުރުމަށް އެބަ ބޭނުންވޭ ފައިސާ. އެކަންކަން ކުރުމަށް އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކަށް އެހާ ބޮޑެތި ޚަރަދެއް ނުކުރެވޭނެ، އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ވޯޓުތައް ބައިބައިވެގެންދިޔަ!؟

ޕީޕީއެމްގެ ތެރެއިން ޓިކެޓު ދިން ގޮތާއި މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ވޯޓުތަކެއް ބައިބައިވެގެން ދިޔައެވެ. އޭގެރެތެރެއިން ބައެއް މިސާލުތައް އެބަހުއްޓެވެ. ހުޅުމާލެ ދާއިރާއަށް ކުރިގެ ހޯމް މިނިސްޓަރ އަޙްމަދު އަޒްލީން ވާދަކުރެއްވިއެވެ. އަދި ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމްގެ ދަރިކަލުން ފައިސަލްވެސް ވާދަކުރެއްވިއެވެ. މި ދެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތެއް ކުރައްވާފައެއް ނެތެވެ. ކެމްޕެއިން ކުރެއްވީވެސް ރައީސް ޔާމީންގެ ފިކުރު ވިއްކައިގެންނެވެ. ފައިސަލަށް އިންތިޚާބުގައި 518 ވޯޓު ލިބިވަޑައިގަތެވެ. އަޒްލީނަށް 230 ވޯޓު ލިބިވަޑައިގަތެވެ. ހުޅުމާލެ ދާއިރާ ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޔާޒަށް ލިބިވަޑައިގަތީ 936 ވޯޓު ލިބިވަޑައިގަތެވެ. މިއީވެސް ބައިބައިވެގެން ދިޔަ ވޯޓުތަކަކެވެ. ދިއްގަރު ދާއިރާއަށް ބަލާލާއިރު ދިއްގަރު ދާއިރާއަށް ވާދަކުރެއްވީ ކުރީގެ ރައީސް ޔާމީންގެ އެކުވެރިޔާ އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަޙްމަދު ނާޒިމާއި ރައީސް ޔާމީންގެ ތާޢީދާއިއެކު ވާދަކުރެއްވި ޙީނާ ވަލީދުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު އިކްރާމް ޙަސަނެވެ. ދާއިރާގެ ގޮނޑި އިކްރާމް ޙަސަން ކާމިޔާބު ކުރެއްވީ އިކްރާމް ޙަސަނެވެ. މައްޗަންގޮޅި އުތުރު ދާއިރާވެސް ދިޔައީ މިފަދަ ގޮތަކަށެވެ.

ކުރީގެ ރައީސް ޔާމީނާއި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް ކޯލިޝަން އެއްބަސްވުގައި ސޮއި ކުރެއްވުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ: ފޮޓޯ / ޕީއެސްއެމް ނިއުސް

"އާދެ ތިއީ އިނގޭތޯ އަނެއްކާ ދެން އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުމަކީ. އަޅުގަނޑުމެންގެ ތެރެއިން ހާވިޔާވެގެން މި ހުރިހާ އެއްޗެއް ބައިބައިވީ. އެންމެ ދާއިރާއެއް ދެ ދާއިރާއެއް ނޫން. އެތައް ދާއިރާއެއް. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމްޑީޕީއަށް މިކަމުގެ ފައިދާ ނެގީ. އެއީ މައްސަލައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީގެ މައްސަލައެކޭ ނޫން. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ހެދުނު މިސްޓޭކުތަކެއްގެ ސަބަބުން މުޅި އެތި އެމްޑީޕީގެ މޮޅު އުކުޅުގެ ތެރެއިން ދަމައިގަތީ،" ޕީޕީއެމްގެ އިސް ބޭފުޅާ ވިދާޅުވިއެވެ.

މި ވާހަކަތަކާއި ހިސާބުތަކަށް ބަލާއިރު ޕީޕީއެމްއަށް ރިޔާސީ އިންތިޚާބުގައި ތާޢީދު ކުރި 96،000އަށްވުރެ ގިނަ ސަޕޯޓަރުން އަދިވެސް އެބަ ތިއްބެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރި ވަރާއި ގާތަށްވެސް މި ބޭފުޅުންނަށް މަޖިލިސް އިންތިޚާބުގައި މަސައްކަތެއް ނުކުރެވުނެވެ. ލިބުނު ނާކާމިޔާބީއާ އެކު މުޅި ޕާޓީއޮތީ ހާވިޔާވެފައެވެ. ޕާޓީގެ ހުންގާނުގައި ހުންނެވި ބޭފުޅާއަށް ބަލިވުމުންވެސް ހުންގާނުގައި ހިފާލައިގެން އޮޑި ދުއްވާލާނެ ރަނގަޅު ކައްޕިތާނެއް ޕާޓީއަކު ނެތެވެ.