Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

އިނގިރޭސިން އީޔޫން ވަކިވުން ފަސްކޮށްފި

އިނގިރޭސިން ޔޫރަޕިއަން ޔޫނިއަނުން ވަކިވާން ކަނޑައެޅި ތާރީޚު ފަސްކޮށްދިނުމަށް އީޔޫގައި އެދުމުން އިނގިރޭސިންނަށް އެފުރުސަތު އީޔޫން ފަހިކޮށްދީފިއެވެ.

އަނެއްކާވެސް ތާރީޚު ފަސްކުރަން އެދެން ޖެހުނީ، އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭގެ ހުށައެޅުން ތިންވަނަ ފަހަރަށް މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލުމުންނެވެ. މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އީޔޫން އިނގިރޭސިން ވަކިވާގޮތަށް ކުރިން ހަމަޖެހުނު ނަމަވެސް އިނގިރޭސިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ލަސްވުމުން މިހާރު، އޮކްޓޯބަރު މަހުގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި އިއްތިހާދުގެ ވެރިންގެ އެއްބަސްވުމުގައި އިނގިރޭސިން އެދުނީ ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ. ނަމަވެސް އިއްތިހާދުގެ ވެރިން ވަނީ އޮކްޓޯބަރު މަހާ ހަމައަށް އިތުރުކޮށްދޭން ނިންމާފައެވެ.

އިނގިރޭސިން އަމިއްލައަށް ޔޫރަޕް އިއްތިހާދުން ވަކިވާން ނިންމި ނަމަވެސް މިހާރު، އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމުގައި އިނގިރޭސިން ވަނީ ދެކެން ފަށާފައެވެ. އަދި ވޯޓު އަލުން ނެގުމަށްވެސް ޚިޔާލު ހުށައެޅިފައިވެއެވެ.