Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ކެންދޫ ދާއިރާގެ ވޯޓު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ބ.ކެންދޫ ދާއިރާގެ ވޯޓް ބާޠިލްކޮށް އަލުން އިންތިޚާބު ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ އިންތިޙާބުގައި ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓުލީ ގޮތާއި ބެހޭގޮތުން ހުށަހެޅި މައްސަލަ ތަހްގީގު ކުރުމަށްފަހުގައެވެ.

ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލްކުރުމަށް ހުށައަޅާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ލަޠީފެެވެ. އޭނާ ހުށައަޅާފައިވަނީ ކިއު ނަންބަރަށްވުރެ އިތުރަށް ވޯޓްލާފައިވާކަމަށާއި، ކިއު ނަންބަރު ބަލާ ލިސްޓާއި އިނގިލީގައި ފާހަގަޖަހާ ލިސްޓްވެސް ދިމާނުވާ ކަމަށް ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ރަސްމީ ނަތީޖާ އިޢުލާންކުރުމަށްފަހު އެދާއިރާއާ ގުޅޭގޮތުން ހުށައެޅި މައްސަލަތައް ބެލުމަށް ޤައުމީ ކޮމްޕްލެއިންސް ބިއުރޯގެ ޓީމެއް ފޮނުވުމަށް މިހާރު ނިންމާފައިވާކަމަށެވެ.

ކެންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުވެސް އެދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިނެވެ.