Last Updated: June 19, 17:16
Friday, June 19, 2026
ޚަބަރު

"އިންތިހާބުން އަންގައިދިނީ ރައްޔިތުން، ރައީސް ސޯލިހަށް ކުރާ އިތުބާރު"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އަންގައިދިނީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރައްވާ އިތުބާރު ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވަނީ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައެވެ.

މިއީ މަޖިލިސް އިންތިހާބެއްގައި މިހާތަނަށް އެއް ޕާޓީއަކަށް މިހާ ގިނަ އަދަދަކަށް ގޮނޑި ހޯދުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން އަންގައިދިނީ ރައްޔިތުން ރައީސް ސޯލިހަށް ކުރާ އިތުބާރުގެ އިތުރުން އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ރައްޔިތުން ބޭނުންވާ މިންވަރު ކަމަށެވެ. އަދި ސައްހަ އިސްލާމީ އަގީދާގެ މަތިން ގައުމު ބިނާކުރުމާއި އަދުލު އިންސާފު ގާއިމުވެގެންދިޔުމަކީ ރައްޔިތުން ކުރާ އުއްމީދެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ނިކުތީ އެޖެންޑާ 19 ގެ ސިޔާސަތުތަކާއެކުއެވެ. އެގޮތުން ކެމްޕޭން ތެރޭގައި ރައީސް ސޯލިހު ވަނީ އެޖެންޑާ 19 އަކީ ގައުމާ މެދު ދެކޭ ބޮޑު އުއްމީދެއް ކަމަށާއި އެ އުއްމީދުގައި ކުލަ ޖެއްސޭނީ އެކަމަށް ތާއީދުކުރާ ބަޔަކު އަދި އެކަމަށް ގާނޫނީ ބާރުވެސް ލިބިގެން ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދިއިރު އިންތިހާބުގެ އިތުރު ގޮނޑިތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީ އިން ފަސް ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޕީޕީއެމް އަށްވެސް ލިބިފައިވަނީ ފަސް ގޮނޑިއެވެ. ކޮންގްރެސް ޕާޓީ އަށް ތިން ގޮނޑި ލިބުނުއިރު މިނިވަން ކެންޑިޑޭޓުންނަށް ހަތް ގޮނޑި އަދި އެމްޑީއޭ އަށް ލިބުނީ ދެ ގޮނޑިއެވެ.