Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖޭގެ މައި ބޭންކް ކަމަށްވާ ބެންކް އޮފް މޯލްޑިވްސް އަށް ހުސްވި އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން މިއަދު އާއްމުކުރި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ތަަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ވެފައިވަނީ ބީއެމްއެލް އަށް ރެކޯޑް އަދަދަކަށް ފައިދާވި އަހަރަކަށެވެ.

އަދި މާލީ ގޮތުން ބަލާނަމަ މިދިޔަ އަހަރު ވެފައިވަނީ ބީއެމްއެލް އަށް އެންމެ ކާމިޔާބު އަހަރު ކަމަށްވެސް އަހަރީ ރިޕޯޓް ތަކުން ވަނީ ހާމަވެފައެވެ.

2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ފައިދާ އަކީ 2017 ވަނަ އަހަރާއި ބަލާއިރު 13 އިންސައްތައިގެ އިތުރު ކުރިއެރުމެކެވެ.

އަދި މިދިޔަ އަހަރު ބީއެމްއެލް އަށް ފައިދާގެ ގޮތުގައި ލިބިފައިވާ 1.6 ބިލިއަނަކީ ޓެކްސް އަށް ކެނޑުމުގެ ކުރީގެ ފައިދާއެވެ. ބީއެމްއެލްގެ ބޯޑުން ވަނީ 129 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައެވެ.

މިދިޔަ އަހަރު ވަނީ ބީއެމްއެލްގެ ފަރާތުން "އަހަރެންގެ ބޭންކް" ގެ ނަމުގައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަަހަރު ބީއެމްއެލް އަށް ރެކޯޑް އަދަދަކަށް ފައިދާ ލިބުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ލިބުމާއި ލޯނު ދޫކުރި ނިސްބަތް މިދިޔަ އަހަރު އިތުރުވުން ކަމުގައި ބީއެމްއެލް ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ކޭޝް އޭޖެންޓްގެ އަދަދު 277 އަށް އިތުރު ކޮށްފައެވެ. މީގެ އިތުރުން އެ ކުންފުނީގެ އާ ހަތަރު ބްރާންޗަކާއި ފަސް ސެލްފް ސާވިސް ބޭންކް ސެންޓަރެއް ވެސް އަތޮޅު ތެރޭގައި ވަނީ ގާއިމު ކޮށްފައެވެ.