Last Updated: July 4, 20:52
Friday, July 4, 2025
ޚަބަރު

"އައްޑޫ ރައްޔިތުން ހަނދާންނައްތައެއް ނުލާނަން"

އައްޑޫގެ ރައްޔިތުންގެ މަތިން ހަނދާން ނައްތައެއް ނުލާނެ ކަމަށާއި އައްޑު އަށް ކުރަންޖެހޭ ކަންތައްތައް ވެސް ބަލައިގަނެ، އެކަންކަން ކުރުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރަން އެއާޕޯޓްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑު އަށް ތަރައްގީ އާއި ކުރިއެރުން އައުމަކީ މުޅި ރާއްޖެ އަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެހެންވެ އައްޑޫ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ، އައްޑުއަތޮޅަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ، ތިޔަ ބޭފުޅުންގެ ޚިދްމަތުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދިޔުން. އަޅުގަނޑުމެން ތިޔަ ބޭފުޅުންނަކަށް ކަންކަން އޮޅުވާލައެއް ނުހަދާނަން. އަޅުގަނޑުމެންނަށް ނުކުރެ ވޭވަރުގެ ކަމެއްގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަކަށް ނުދަންނަވާނަން،" ރައީސް ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައް ވީހާވެސް ހަރުދަނާ ކަމާއި ސާބިތުކަމާ އެކީގައި، އެކަންކަން ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވަން. އައްޑު އަތޮޅުގެ ރައްޔިތުން އަޅުގަނޑުމެން ހަނދާންނައްތައެއްނުލާނަން. އަދި އައްޑުއަތޮޅަށް ކުރަންޖެހޭ ކަންތައްތައްވެސް އަޅުގަނޑުމެން ބަލައިގަނެ، އެކަންކަން ކުރުމުގައި އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން."

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކިއެކި ކަންކަން ދިމާވެގެން އެކަން އެގޮތަށް ނުދިޔައީ ކަމަށެވެ.

"އަޅުގަނޑު އައްޑު އަތޮޅުގެ ރައްޔިތުންނަށް ވަޢުދުވީ، މިދިޔަ މަސް ނިމުމުގެ ކުރިން އަޅުގަނޑު އަންނާނެ ވާހަކަ. އެހެން އެކަން އެގޮތަކަށްނުވި. އެހެން އެކަންނުވީ، އަޅުގަނޑުމެންގެ މާ ބޮޑު ކޮންޓްރޯލެއް އޭގައި ނެތީމާ. އަޅުގަނޑުމެން މަސައްކަތް ކުރިން، ވަރަށް އަވަދިނެތި މަސައްކަތް ކުރިން، އެކަން ކުރެވޭތޯ. އެހެން ނަމަވެސް، މޫސުމް ތަން ނުދިނުމާއި، އަދި އަޅުގަނޑުމެން މިތަނަށް ގެންނަންޖެހޭ މުހިންމު އިކްވިޕްމަންޓްތަކާއި މެޝިނަރީ ނުގެނެވުމުގެ ސަބަބުން ލަސްވެގެން ކޮންމެވެސް ވަރަކަށް ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ. "އެހެން ނަމަވެސް، ކަން ކުރަންވާނީ، އަޅުގަނޑަށް އެހެން އެކަން ބުނެވުނީތީ ކުރާ ގޮތަކަށް ނޫން. އެކަން ކުރަންވާނީ، އެކަން ކުރެވޭނެ ގޮތަށް. އެކަން ކުރިއަށް ގެންދެވޭނެ ގޮތަށް. އަޅުގަނޑަށް އާދެވުނީސް، މަސް ނިމުމުގެ ކުރިން. އައިސް މިތާނގައި ޑްރެޖަރެއް ބާއްވައިގެން، އެއަށް އަރާ އިނދެގެން ވަޅެއް ކޮނެލައި، ތިޔަ ބޭފުޅުންނަށް މަންޒަރެއް ދައްކައިލެވުނީސް. އެހެން ނަމަވެސް، އެއީ އެކަން ކުރަންވާ ގޮތެއް ނޫން. އެހެންވީމާ، ތަންކޮޅެއް ލަސްވި ކަމުގައިވި ނަމަވެސް، މި މަޝްރޫޢު ރަނގަޅަށް ފެއްޓިގެން، މިތަނަށް ޑްރެޖަރު ވެސް ގެނެވިގެން، އެއިން ކޮންނަން ފެށުނީމާ، މަސައްކަތް ކުރިއަށް ދާނީ. އެހެންވީމާ، ތަންކޮޅެއް ލަސްވީ. އެކަމަށްޓަކައި އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެން."