Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ހަތަރު މަސްދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގައިފި

މި އަހަރު މިހާތަނަށް އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާ ކަމަށް ފަޔާ އެންޑް ރެސްކިއު ސާވިސަސް (އެފްއާރްއެސް) އިން ބުނެފި އެވެ.

އެފްއާރްއެސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމާންޑަރު އަބްދުﷲ އިބްރާހިމް ވިދާޅުވީ މިިދިޔަ ހަތަރު މަހު 18 ހާދިސާއެއް ދިމާވެފައި ވަނީ ކަރަންޓުގެ މައްސަލަތަކާ ހެދި ކަމަށެވެ. އެގޮތުން ކަރަންޓު ބޭނުންކުރެވޭ ގޮތުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތައް މަދުކުރަން ރައްކާތެރިކަމާ އެކު ކަރަންޓު ބޭނުންކުރަން އިސްކަންދޭން ޖެހޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން ކަރަންޓު ބޭނުންކުރާއިރު ސޮކެޓު އޯވަލޯޑު ނުވާގޮތަށް ކަރަންޓު ބޭނުންކުރެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތްރީ ޕިން ބޭނުންކުރަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި އިމާރާތްތަކުގެ ކަރަންޓު ވަޔަރުކޮށްފައިވާ ގޮތް އަހަރަކު އެއްފަހަރު އިންސްޕެކްޓު ކުރުމާއި އިމާރާތްތަކުގެ ވަޔަރިން އަށް އަމިއްލައަށް ބަދަލު ނުގެންނަން ވެސް އަބްދުﷲ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަދި ކައްކަން އުދުމަށް ފަހު އެޔަށް ސަމާލުކަން ނުދީ އެ ބަހައްޓާފައި ދިއުމުން ދިމާވާ އަލިފާނުގެ ހާދިސާތައް ވެސް ގިނަ ކަން ފާހަނގަ ކުރައްވާ އަބްދުﷲ ވިދާޅުވީ މިފަދަ 16 ހާދިސާއެއް ދިމާވެފައިވާ އިރު 10 ވެހިކަލެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި ކަނޑުމަތީ ތިން އުޅަނދެއްގައި އަލިފާން ރޯވި ކަމަށެވެ.

މި ދުވަސްވަރު އަލިފާނުގެ ހާދިސަތައް ގިނަ ކަމަށާއި އިއްޔެ އެކަނި ވެސް އަލިފާނުގެ ފަސް ހާދިސާއެއް މާލެ ސަރަހައްދުގައި ހިނގި ކަމަށް އެފްއާރްއެސް އިން ބުންޏެވެ.