ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުޅުއްވަނީ އައްޑޫ ރައްޔިތުންނާ ކުޅުއްވަން ކަމަށާއި އެކަމަކު އެކަން އެހެން ނުވާނެ ކަމަށް އައްޑޫގެ ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދު ވަޖުދީ ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމުން ފޭދޫގައި ބޭއްވި ޖަލްސާގައި ރަޝީދު ވިދާޅުވީ ގަން އެއާޕޯޓްގެ ތަަރައްގީގެ މަޝްރޫއު ފެށްޓުނީ ކަމަށް ވިދާޅުވީ ޓީވީތަކުން ދެއްކި މަންޒަރުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރެއްވި ކަމެއް ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެކަަމަށް އިޝާރާތް ކުރައްވައި އިތުރަށް ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ މަޝްރޫއު ފެށްޓުނީ ކަމަށް ބުނެ ވާހަކަ ދެެއްކި އިރު، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ގެނައި ޑްރެޖަރު މިހާރު މި އޮތީ ފޭދޫ ބަނދަރުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. ޑްރެޖަރު ފޭދޫ ބަނދަރަށް ވެއްވީ ޕީޕީއެމް އިން ފޭދޫ ބަނދަރު މަތީގައި ޖަލްސާ ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.
ވަޖުދީ އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ފެނަކައިގެ މެންޑޭޓްގެ ތެރޭގައި އޮތް ފެނާއި ކަރަންޓާއި ނަރުދަމާ ހިދުމަތް މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލު ކުރަން ނިންމީ ފެނަކައިގައި "ޕީޕީއެމްގެ ބާރު އޮތް ކަމަށް ގަބޫލް ކުރެވިގެން" ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ޕީޕީއެމަށް ގެެއްލުންތަކެއް ދޭން ވެގެން ކުރި ކަމެއް ކަމަށް ރަޝީދު ތުހުމަތު ކުރެެއްވި އެވެ.
އޭނާގެ ވާހަކައިގައި ރޭ ވަނީ ޑރ. ވަހީދާއި އެ މަނިކުފާނުގެ އާއިލާ އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދަވާ ކަމަށް ބުނެ، އެފަދަ ބައެއް ވާހަކަތައް ހިއްސާ ކުރައްވައި ވަރަށް ބޮޑަަށް އެ ދެ ބޭފުޅުންނަށް ފާޑު ވިދާޅުވެފަ އެވެ.