Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އިމްޕޯޓް، އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ހަދައިފި

އަންނަ ހޯމަ ދުވަހުން ފެށިގެން މުދާ އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިމްޕޯޓް އެކްސްޕޯޓް ގަވައިދަށް ގެނައި މި އިސްލާހާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.

މި ގަވާއިދުގެ ދަށުން ރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ، ކަސްޓަމްސްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށި ތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް ރަޖިސްޓަރީކުރަން ނުޖެހޭނެ ކަަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ.

އަދި އިމްޕޯޓާއި އެކްސްޕޯޓް ކުރުމަށް ކަސްޓަމްސް އިން ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކަށް 10 ލާރީގެ މަގުން ރެވެނިޔު ސްޓޭމްޕުގެ އަގަށްވާ ފައިސާ ކަސްޓަމްސް އަށް ދައްކަންޖެހޭނެ ކަމަށާއި މި ފައިސާ ދައްކަންޖެހޭނީ މުދާ ޑިކްލެރޭޝަން ޕްރޮސެސްގެ ތެރެއިން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ބަދަލުގެނައި ނަމަވެސް ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއްގައި ވަކި ބާވަތެއްގެ މުދަލެއް ރާއްޖެ އަށް ގެންނަނަމަ ނުވަތަ ބޭރު ކުރާނަމަ ހާއްސަ ހުއްދައެއް ނެގުމަށް އޮތްނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.